މަޝްހޫރު ޓީވީ ސީރީޒް "ދަ ވޯކިން ޑެޑް"ގެ ޓީމާއި ސެމްސަންގް ގުޅިގެން ވާޗުއަލް ރިއޭލިޓީ ތްރިލާ ސީރީޒްއެއް އުފައްދާ ކަމަށް ސެމްސަންގް އިން ބުނެފިއެވެ.

"ގޯން"ގެ ނަމުގައި ތައްޔާރު ކުރާ އެ ސީރީޒް އަކީ ކުޑަ ސްކްރީނަށް ވާޗުއަލް ރިއޭލިޓީ ގެނައުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށް ސެމްސަންގް އިން ބުންޏެވެ.

ގޯން ގައި ދައްކުވައިދޭނީ ނުވަ އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ އެމީލިއާ ކްލޯވާ ކުއްލިއަކަށް ގެއްލިގެން އުޅުމާ ގުޅިގެން ދިމާވާ ކަންތައްތަކެވެ. އެގޮތުން އޭނާގެ މަންމަ އޭނާ ހޯދުމަށް ކުރާ މަސައްކަތްތަކުގައި ފެނިގެންދާ އާދަޔާ ޚިލާފު ކަންތައްތައްވެސް އެ ސީރީޒް އިން ފެނިގެންދާނެ އެވެ.

އެ ތްރިލާ ސީރީޒް 11 ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް ވަނީ ސީރީޒްގެ ޕްރޮޑިއުސަރުން ބުނެފައެވެ. ނަމަވެސް އެހެން ތްރިލާތަކާ އަޅާ ބަލާއިރު ވާޗުއަލް ރިއޭލިޓީ ތްރިލާއެއް ބަލާއިރު މައްސަލަތައް ހައްލު ކުރުމުގައި ބެލުންތެރިންވެސް އެހީތެރިވާ ކަހަލަ އިހުސާސެއް ކުރެވޭނެ ކަމަށް ސެމްސަންގް އިން ބުންޏެވެ.

"ވީޑިއޯތައް ޝޫޓު ކުރާނީ 360 ޑިގްރީގެ ވިއުއެއް ބެލުންތެރިންނަށް ފެންނާނެ ގޮތައް. އެހެން ކަމުން ބަލަމުންދާއިރު މުޅި މާހައުލުން ބެލުންތެރިން ހޯދާނެ "ކްލޫ"ތައް،" ސެމްސަންގް އިން ބުންޏެވެ.

ކޮންމެ އެޕިސޯޑެއް އޮންނާނީ ހައެއް ނުވަތަ އަށް މިނެޓުގެ ސެގްމެންޓް ތަކަކަށް ކުރުކޮށް ބަހާލާފައި ކަމަށްވެސް ސެމްސަންގް އިން ވަނީ ބުނެފައެވެ. ގޯން ދައްކަން ފަށާނީ އަންގާރަ ދުވަހުން ފެށިގެންނެވެ.