06 Dec 2015, 14:26
މަސްތުވާތަކެތި ބޭނުންކުރި ކަމަށް އެއްބަސްވުމުން ރިހެބިލިޓޭޝަނަށް ދޫކޮށްފައި ހުރި މީހަކު ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންތަކަކަށް އޭނާ މަސްތުގެ ހާލުގައި ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ. މަސްތުގެ ހާލުގައި ހުރި ކަމަށް ޝައްކު ކުރެވިގެން ހައްޔަރު ކުރި 34 އަހަރުގެ އެ މީހާ ދިރިއުޅޭ ކޮޓަރި ތެރެއިން 21 ބަނގުރާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ މީހާއަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފުލުހުންނަށް އިންޒާރު ދިނުމާއި މާރާ މާރީގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމުގެ ރިކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ކޯޓުގައި އެއްބަސްވުމުން، ރިހެބިލިޑޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށް އަމުރު ކުރަނީ ޑްރަގް ކޯޓުންނެވެ. ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ ބައެއް މީހުން މުޖުތަމައުގައި ބައިތިއްބައިގެންނާއި ރިހެބިލިޓޭޝަން މަރުކަޒުތަކުގައި ބަންދުކޮށްގެން ގެންގުޅެ އެވެ.
ބަނގުރާ ފުޅިތަކަކާއެކު ހައްޔަރު ކުރި މީހާއަކީ ރިހެބިލިޓޭޝަން ފަރުވާއަށް ދޫކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އޭނާ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓުންނެވެ.