ރާއްޖޭގައި އާއްމު ސިއްހަތު ކުރިއެރުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ)ގެ ދައުރު ވަރަށް ބޮޑުކަމަށް ހެލްތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޑަބްލިއުއެޗްއޯ އާ ގުޅުނުތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އިރުތިޝާމް ވިދާޅުވީ ޑަބްލިއުއެޗްއޯއާ ގުޅިގެން ހިންގި ޕްރޮގްރާމްތަކުގައި ރާއްޖޭން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

"...ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށާއި މީހުން ބިނާކުރުމަށް އަދި ފަންނީ ލަފާދިނުމާއި އާއްމުސިއްހަތު ކުރިއެރުވުމުގައި ޑަބްލިއުއެޗްއޯގެ ދައުރު ވަރަށް ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރި މަސައްކަތްތަކުން ހާސިލުވެފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައިން ގަޔަށް އަރާ ގިނަ ބަލިތަކެއް ރާއްޖޭގައި ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ބަލިތައް ރާއްޖޭން މުޅިން ނައްތާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޕޫނަމް ވިދާޅުވީ ސިއްހީ ދާއިރާ އިން ރާއްޖޭން ހާސިލުކޮށްފައިވާ ކަންތައްތައް ހާސިލުވީ ކޮންމެ ފިޔަވަޅެއް ހިކުމަތްތެރި ކަމާ އެކު އަޅާފައި ވާތީ ކަމަށެވެ.

"... އެހެންވީމާ ދިވެހިރާއްޖެއަކީ ހަމަ ހަގީގަތުގައި ވެސް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެހެން ގައުމަތަކަށް ހުރި، ވިދަމުން އަންނަ މިސާލެއް،" ރާއްޖޭން ޑަބްލިއުއެޗްއޯ އާ ގުޅުނުތާ 50 އަހަރު ފުރުނު އިރު ހާސިލުކޮށްފައިވާ ކަންތައްތައް ތަފުސީލުކޮށް ފާހަގަ ކުރެއްވުމަށް ފަހު ޑރ. ޕޫނަމް ވިދާޅުވި އެވެ.

ރާއްޖެއަކީ މެލޭރިއާ ބަލި ނެތް ގައުމެއްކަމަށް ޑަބްލިއުއެޗްއޯ އިން ގަބޫލުކޮށް އެކަމުގެ ސެޓްފިކެޓް މިއަދުގެ ޖަލްސާގައި ދިނެވެ. އެ ސެޓްފިކެޓް ދެއްވީ ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލްސިންގް އެވެ.

އަދި ރާއްޖޭގެ ފަރާތުން އެ ސެޓްފިކެޓާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް އެވެ.