06 Dec 2015, 12:55
ފާސްޓް އެންޑް ފިއުރިއަސް އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރި އަދި ރެޕަރު ކްރިސްޓޮފާ ބްރިއަން (ލުޑަކްރިސް) ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު މިއަދު ފުރަފި އެވެ.
ލުޑަކްރިސް ވަނީ ރާއްޖޭގައި އޭނަ ހޭދަކުރި ދުވަސްތަކުގައި ރާއްޖޭގެ މޫދާއި ގޮނޑުދޮށް ދައްކުވައިދޭ މަންޒަރުތައް ފޮޓޯ ނަގައި އިންސްޓަގްރާމްކޮށްފަ އެވެ. މޫދު ކުޅިވަރުގެ ތަފާތު ހަރަކާތްތައް ދައްކުވައިދޭ ވީޑިއޯތައް ވެސް އިންސްޓަގްރާމްކޮށްފައިވެ އެވެ.
ލުޑަކްރިސްއާއި ކެވިން ހާޓް ރާއްޖޭގައި : ދެތަރިންވެސް ވަނީ ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށްފައި -- ފޮޓޯ -- ލުޑަކްރިސް އިންސްޓަގްރާމް
"މީގެ ކުރިން ފެނުނު އެހެންތަންތަނާއި ހިލާފަށް ރާއްޖޭގެ މޫދުގެ ފެންވެސް ތަފާތު"ލުޑަކްރިސް
އޭނާ އާންމުކޮށްފައިވާ ޕޯސްޓްތަކުގައި ރާއްޖެ މަތިން ހަނދާން ނުނެތޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެންމެ ފަހުން ޕޯސްޓްކުރި ފޮޓޯގެ ކެޕްޝަންއަކަށް ލިޔެފައި ވަނީ ރީތި މަންޒަރެއް ފެންނަ ހިސާބުގައި ނިދިން ހޭލެވޭ މަންޒަރު ދުވަހުކު ވެސް ހިތުން ފިލައިގެން ނުދާނެ ކަމަށެެވެ.
ލުޑަކްރިސް ރާއްޖޭގެ ރިސޯޓެއްގައި -- ފޮޓޯ -- ލުޑަކްރިސް އިންސްޓަގްރާމް
ލުޑަކްރިސް ޗުއްޓީ ހޭދަކޮށްފައި ވަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް އޭނާއާ އެކު ހޮލީވްޑްގެ މަޝްހޫރުތަރި ކެވިން ހާޓް ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެ ދެ ތަރިން ވެސް ޗުއްޓި ހޭދަކޮށްފައި ވަނީ އެއްރިސޯޓެއްގަ އެވެ. ދެމީހުން އެއްކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އިންސްޓަގްރާމް ކޮށްފައިވެ އެވެ.
ކެވިން ހާޓް ރާއްޖޭގެ ރިސޯޓެއްގައި -- ފޮޓޯ -- ކެވިންހާޓް އިންސްޓަގްރާމް
ކެވިން ހާޓް ބުނެފައި ވަނީ ސުވަރުގެއެއް ކަހަލަ ރީތި މަންޒިލެއް އޭނާ އަށް ހޯދައިދިނީ ލުޑްކްރިސް ކަމަށާއި އެހެންކަމުން އޭނާ އަށް ޝުކުރު ހައްގު ކަމަށެވެ. ކެވިން ހާޓް ވަނީ ރާއްޖޭގެ ގޮނޑުދޮށުގައި ބައެއް ރެޕް ލަވަތައް ވެސް ކިޔައިފަ އެވެ.
" ކޮންމެ ރަނގަޅު ކަމަކަށްވެސް ނިމުމެއް އާދެ. މިއީ މިހާތަނަށް ހޭދަކުރި އެންމެ ހިތްގައިމު ވެކޭޝަން. އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ މިރީތި ތަން ހޯދައިދިން ލުޑަކުރިސްއަށް "ކެވިން ހާޓް
އިއްޔެ ކެވިން ހާޓް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި އިއްޔެއަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އެންމެ ފަހު ދުވަސް ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ބެލެވޭގޮތުން މިއަދުގެ ވަގުތެއްގައި ކެވިން ވެސް ފުރާނެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން މަޝްހޫރު ފަރާތްތަކުން އައިސް ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށްފައިވެ އެވެ. ޓުއަރިޒަމް މިނިސްޓްރީއިން ބުނީ ރާއްޖެ އަށް މަޝްހޫރު ތަރިން ޒިޔާރަތް ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމެއް ކަމަށެވެ.
ކެވިން ހާޓް ރާއްޖޭގައި -- ފޮޓޯ -- ކެވިންހާޓް އިންސްޓަގްރާމް