ޗެންނާއީ (ޑިސެމްބަރ 6): ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހަތަރު ދުވަސް ވަންދެން އިންޑިއާގެ ޗެންނާއީގެ އެއާޕޯޓު ބަންދުކޮށްފައި އޮތުމަށް ފަހު، ޗެންނާއީގެ ދުވާލުގަޑީގެ ކޮމާޝަލް ފްލައިޓްތައް އަނެއްކާ ވެސް ފަށައިފި އެވެ.

ޗެންނާއީގެ އެއާޕޯޓު ބަންދުކުރަން އިންޑިއާގެ އެއާޕޯޓުސް އޮތޯރިޓީ (އޭއޭއައި) އިން ނިންމީ މެދުކެނޑުމެއްނެތި ވެހުނު ވާރޭގެ ސަބަބުން އެއާޕޯޓުގެ ރަންވޭގައި ފެންބޮޑުވުމުގެ ސަބަބުންނެވެ. އެއާޕޯޓު ބަންދު ކުރުމުގެ ސަބަބުން ތަފާތު އެއާލައިންތަކަށް ނިސްބަތްވާ 34 ފްލައިޓާއި ގިނަ އަދަދެއްގެ މީހުން އެއާޕޯޓުގައި ތާށިވި އެވެ.

އޭއޭއައި އިން ޗެންނާއީގެ އެއާޕޯޓުން ދަތުރުތައް ފެށުމަށް ރައްކާތެރިކަމަށް އިއްޔެ ނިންމާފައި ވަނީ އެ ވުޒާރާގެ ކަމާ ބެހޭ ފަރާތްތަކުން އެއާޕޯޓް ރަނގަޅަށް ބެލުމަށްފަހުގައި ކަމަށް އޭއޭއައި އިން ބުންޏެވެ.

ޗެންނާއީގައި ފެންބޮޑުވުމުގެ ސަބަބުން 325 މީހުން މަރުވި އެވެ. އިންޑިއާގެ އަސްކަރިއްޔާ އިން މިހާރު ދަނީ މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާއާއި ބޭސް ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.