ނ. އަތޮޅަކީ ފުޓްބޯޅައިގައި ނަން ހިނގާ މަޝްހޫރު އަތޮޅެކެވެ. އެ އަތޮޅުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރުމަށް ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފައްދާފަ އެވެ. ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަސްއަދު ޢަބްދުލް ޣަނީ އާއި އޭނާގެ ކޮއްކޮ އަކުރަމް ޢަބްދުލް ގަނީއަކީ ވެސް ނ. މާފަރަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މީގެ އިތުރުން މާޒިޔާގެ ޑިފެންޑަރު ސަމްދޫހް މުޙައްމަދަކީ ވެސް ނ. ކުޑަފަރީއަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިޔެކެވެ. އެ ޓީމަށް ނިސްބަތްވާ ޑިފެންޑަރެއް ކަމަށްވާ އިބްރާހިމް ހަސީބުބަކީ ވެސް ކުޑަފަރީއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. ސާފު ސުޒުކީ ކަޕަށް ނެގި ގައުމީ ޓީމުގެ ސުކޮޑުގައި ވެސް އެ ދެ ކުޅުންތެރިން ހިމެނެ އެވެ. އަދި ފުރަތަމަ ޑިވިޝަންގައި ނ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިން ގިނައެވެ.

ނ. އަތޮޅުގައި ފުޓްބޯޅަ ފޯރި އޮތްކަން ހާމަކޮށް ދޭ އެންމެ ބޮޑު މުބާރާތަކީ އެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ 'ސިޔާމު މައުރޫފް ސޮކާ ކަޕް' މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޑަފަރީގަ އެވެ.

މިދިޔަ އަހަރު ކުޑަފަރީގައި ބޭއްވި ފޯރިގަދަ ފުޓްބޯޅަ މުބާރާތުގެ ތެރެއިން

މިދިޔަ އަހަރު އެ މުބާރާތް ބާއްވާފައި ވަނީ ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު 'ޢަލީ މައުރޫފު އިވިޓޭޝަނަލް ކަޕްގެ ނަމުގަ އެވެ. ނ. އަތޮޅުގައި 100،000 ރުފިޔާގެ އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ކޮންމެ އަހަރަކު ވެސް ބޭއްވުމަކީ މައުރޫފުގެ ވައުދެކެވެ.

އެ މުބާރާތުގައި މިފަހަރު ނުވަ ޓީމު ވާދަ ކުރާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގުރޫޕަކަށް ބާހަލައިގެނެވެ.

ގުރޫޕް 'އޭ' ގައި އެންމެ ފަހުގެ ޗެމްޕިއަން މަނަދޫއާއެކު ފަސް ޓީމު ހިމެނޭއިރު ގުރޫޕް 'ބީ'ގައި ހިމެނެނީ ހަތަރު ޓީމެވެ.

ސަންއާ ވާހަކަ ދައްކަމުން މުބާރާތުގެ އިންތިޒާމު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު ޢަބްދުލް ޣަނީ ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ވެސް ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ކުޅުންތެރިން ފެނިގެންދާނެ ކަމަށެވެ.

"ހަގީގަތަކީ ނ. އަތޮޅަކީ ފޫޓްބޯލައިގެ އަތޮޅެއް. މި މުބާރާތަކީ މުޅި ނ. އަތޮޅަށް އަންނަ ފުޓްބޯޅައިގެ އީދެއް. ރަށްރަށުން އެ ރަށެއްގެ ސަޕޯޓަރުން ބޮޑެތި ދޯނި ފަހަރުގައި ކުޑަ ފަރީއަށް އަންނަތަން ފެނިގެންދާނެ. މިދިޔަ އަހަރު ވެސް ބައެއް ޓީމުތަކުން ހާހަކަށްވުރެ ގިނަ ސަޕޯޓަރުން ދޯނި ހިފައިގެން އެ ރަށެއްގެ ޓީމު މެޗުގައި ޓީމަށް ސަޕޯޓުކުރަން އައިސްފައި އެބަ ހުރި،" މިދިޔަ އަހަރުގެ މަންޒަރު ސިފަކޮށްދެއްވަމުން އަންވަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު ކުޑަފަރީގައި ބޭއްވި ފޯރިގަދަ ފުޓްބޯޅަ މުބާރާތުގެ ތެރެއިން

އޭނާ ވިދާޅުވީ މިފަހަރު މުބާރާތް އިންތިޒާމު ކުރުމުގައި ޓެކްނިކަލް ސައިޑުން އީގަލްސްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ އާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހްމަދު އާތިފު ވެސް ބައިވެރިވާނެ ކަމަށެވެ.

ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަފު ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ސޭމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާޓުގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ޖަނަވަރީ މަހު އެއް ވަނަ ދުވަހު އެވެ.

މި މުބާރާތް ކާމިޔާބު މުބާރާތަކަށް ވުމުގައި މެންބަރު ޢަލީ މައުރޫފް އާއި ސަން ސިޔާމު ފައުންޑޭޝަންގެ ޗެއާމަން ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު ދެއްވާ އެއްބާރުލުން އަންވަރު ސާބަށް ދެއްވި އެވެ.