06 Dec 2015, 10:54
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ރައީސް ނަޝީދުގެ އާއިލާ ބޭފުޅެއް ކަމަށްވާ އީވާ އަބްދުﷲ ވަނީ ނަޝީދު އޭޑީކޭގައި ފަރުވާ ހޯދަމުންދާ ކަމަށް ބުނެ ޓުވީޓެއް ކުރައްވާފަ އެވެ. އަދި ބައެއް ފަރާތްތަކުން ސޯޝިއަލް މީޑިއާގައި ނަޝީދު އޭޑީކޭއަށް ގެންނެވި މަންޒަރު ފޮޓޯ ނަގާ ޝެއާކޮށްފައި ވެސްވެ އެވެ.
ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ އޭޑީކޭގައި ތިބި ބައެއް ބޭފުޅުންގެ ފަރާތުން ރައީސް ނަޝީދު އޭޑީކޭއަށް ގެނައިކަން އެނގޭ ކަމަށާއި ރަސްމީކޮށް ވަކީލުންނަށް އަންގާފައި ނުވާ ކަމަށެވެ. އަދި މާލޭ ޖަލަށް ނަޝީދު ބަދަލުކުރިކަން ވެސް އެނގެނީ "ތުންތުން މަތިން ދެކެވޭ ވާހަކައިން" ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
ނަޝީދަށް ފަރުވާދީފައި ވަނީ ކޮންކަމަކަށް ވަނީ ސާފުވާގޮތް ނުވެފަ އެވެ. އަދި މާލޭ ޖަލަށް ބަދަލު ކުރިކަމަށް ދެކެވޭ ވާހަކައަށް ވެސް ކަރެކްޝަންސް އިން ފޯނު ނުނަގަވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ރައީސް ނަޝީދަށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތް ދެމުން ނުދާ ކަމަށްބުނެ އާއިލާއިންނާއި ނަޝީދުގެ ވަކީލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.