06 Dec 2015, 10:48
ކައިރޯ (ޑިސެމްބަރ 6): މިސްރުގެ ތަލްއާތް ޝަބީބް ނަމަކަށް ކިޔާ ގައިދީއަކަށް މިދިޔަ މަހު އަނިޔާކޮށް މަރާލުމުގެ ތުހުމަތުގައި ނުވަ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް މިސްރުގެ އިންޓީރިއާ މިނިސްޓްރީ އިން ބުނެފި އެވެ.
މިސްރުގެ ފުލުހުންގެ ތަރުޖަމާނު އަބޫބަކުރު އަބްދުލްކަރީމް ވިދާޅުވި ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ތަލްއާތް ޝަބީބްގެ ފޮރެންސިކް ރިޕޯޓުން އޭނާ މަރުވީ އޭނާ އަށް ދިން އަނިޔާގެ ސަބަބުން ކަން ސާބިތުވާތީ އެވެ. އެ ހާދިސާ ތަހުގީގު ކުރުމަށް ޓަކައި އެ ނުވަ ފުލުހުން ހަތަރު ދުވަހަށް ހައްޔަރުގައި ބައިތިއްބާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ވަރަށް ފަހުން މިސްރުގެ ތިން ގައިދީ އަކު މަރާލުމާ ގުޅިގެން، ކުށްކުރާ ފުލުހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް އަބްދުލް ފައްތާހު އައްސީސީ ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން 2011ވަނަ އަހަރު މިސްރުގެ ރައްޔިތުން ވައްޓާލި އެއް ސަބަބަކީ ފުލުހުންގެ އަނިޔާތައް ހައްދުފަހަނައަޅައި ދިޔުމެވެ.
މައުލޫމާތު: އޭޕީ