ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ހުރި އަލި ގަދަ މިސާލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ( ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރް ޑރ. ޕޫނަމް ކެތުރަޕާލްސިންގް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޑަބްލިއުއެޗްއޯއާ ގުޅުނުތާ 50 އަހަރު ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޕޫނަމް ވިދާޅުވީ ސިއްހީ ދާއިރާ އިން ރާއްޖޭން ހާސިލުކޮށްފައިވާ ކަންތައްތައް ހާސިލުވީ ކޮންމެ ފިޔަވަޅެއް ހިކުމަތްތެރި ކަމާއި އެކު އަޅާފައި ވާތީ ކަމަށެވެ.

"... އެހެންވީމާ ދިވެހިރާއްޖެއަކީ ހަމަ ހަގީގަތުގައި ވެސް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެހެން ގައުމަތަކަށް ހުރި، ވިދަމުން އަންނަ މިސާލެއް،" ރާއްޖޭން ޑަބްލިއުއެޗްއޯ އާ ގުޅުނުތާ 50 އަހަރު ފުރުނު އިރު ހާސިލުކޮށްފައިވާ ކަންތައްތައް ތަފުސީލުކޮށް ފާހަގަ ކުރެއްވުމަށް ފަހު ޑރ. ޕޫނަމް ވިދާޅުވި އެވެ.

ރާއްޖޭން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މެލޭރިއާ އާއި ޕޯލިއޯ މުޅިން ނައްތައިލުމާއި ފައިލޭރިއާ ނައްތާލުމާ ވަރަށް ކައިރިއަށް މަސައްކަތް ކުރެވިފައި ވުމާއި 2010 ވަނަ އަހަރުން ފެށިގެން މީސެލްސް އާއި ރުބެއްލާ މީހަކަށް ޖެހިގެން ރަޖިސްޓްރީ ކޮށްފައި ނުވުމެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހާސިލު ކުރުމަށް ދުނިޔޭގެ ގައުމުތަކުން ކަނޑައެޅި ސާސްކަފްގެ ލަނޑުދަނޑިތަކުގެ ތެރެއިން އެންމެ ތިން ލަނޑުދަނޑިއެއް ފިޔަވާ އެހެން ލަނޑު ދަނޑިތައް ހާސިލުކޮށްފައި ވުމަކީ ވެސް ރާއްޖޭގެ ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.