06 Dec 2015, 10:51
ހެންވޭރު ގެއަކުން 2،000 އެމެރިކާ ޑޮލަރުގެ އިތުރުން ފައިސާ އާއި މުދާތަކެއް ވަގަށް ނަގައިން ފިލަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައި ވަނީ ރޭ ފަތިހު 05:50ގައި ހައްޔަރު ކޮށްފައި ވަނީ 20 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފައި ވަނީ ހެންވޭރު ގެއަކަށް ވައްކަން ކުރަން ބަޔަކު ވަދެއުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހުން އެގެއަށް ދިޔައިރު އެ ދެމީހުން އެގެއިން ނުކުންނަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ހެންވޭރުގެ ގެއަކުން ވަގަށް ނެގި މުދާތައް--- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ، ޑޮލަރުތަކުގެ އިތުރުން އެ ދެމީހުން ވަނީ އެ ގެއިން 3،000 ދިވެހި ރުފިޔާ ވެސް ވަގަށް ނަގާފައި ކަމަށެވެ. އޭގެ އިތުރުން ލެޕްޓޮޕަކާއި އޭގެ ޗާޖަރާއި ފޯނުތަކަކާއި ޕަވާ ބޭންކަކާއި ސޮސެޖްތަކާއި ޗޮކްލެޓްތަކަކާއި ބަގާއަކާއި އެއާ ފްރެޝަނާ ފުޅިއެއް އަދި އިތުރު ލިޔެ ކިޔުންތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެތަކެތި މިހާރު ވަނީ ގޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ ފުލުހުން ބަލަމުންދާ ވައްކަމުގެ މައްސަލައެއްގައި ހޯދަމުންދާ މީހެކެވެ. އަދި އެމީހާއަކީ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތަކެއްގެ އިތުރުން ޓެރަރިޒަމްއާއި ފޭރުމާއި މާރާމާރީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އަދި 28 އަހަރުގެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހަކަށްވާ އިރު އޭނާއަކީ ރިހިބިލިޓޭޝަން އަމުރުގެ ދަށުން ދޫކޮށްލާފައިވާ މީހެއް ކަަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.