އިންޑިއާގެ ޗެންނާއީ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ދިރިއުޅޭ ބައެއް ދިވެހިން ޓްރިވެންޑްރަމްއަށް ބަދަލުކޮށްފި އެވެ.

ދިވެހިން ޓުރިވެންޑްރަމްއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުއްނަވާ ކޮންސިއުލޭޓް އަލީ އާދަމް އިސްވެ ހުންނަވައިގެން ދިވެހިންގެ ޓީމަކާ ވެސް ގުޅިގެނެވެ.

އަލީ އާދަމްގެ ފޭސްބުކްގައި އޭނާ ވަނީ ޓުރިވެންޑްރަމްއަށް ދިވެހިން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއްް އާންމުކޮށްފަ އެވެ. އަދި އެކަމުގައި ވޮލަންޓިއަރު ދިވެހި ޓީމެއް ހިމެނޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާފައި ހުއްނަވާ ކޮންސިއުލޭޓް އަލީ އާދަމް -- ފޮޓޯ އަލީ އާދަމް ފޭސްބުކް

ޗެއްނާއީ ފެންބޮޑުވުމުގެ ހާދިސާ

  • މިހާތަނަށް 197 މީހަކު މަރުވެެފައި
  • އެތައް ހާސް ބަޔަކު މިވަނީ ހާލުގައި ޖެހި ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައި
  • އެތައް ހިސާބަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައި
  • ފެން ބޮޑުވުމުގެ ސަބަބުން ގެދޮރު ދޫކޮށް ނުކުންނަން ގިނަބަޔަކަށް ޖެހިފައި
  • ދަތުރުފަތުރު މެދުކެނޑިފައި
  • މިހާތަނަށް 2.25 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައި

ޗެއްނާއީގައި ތިބި ބައެއް ދިވެހިން ޓްރިވެންޑްރަމްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދިވެހިންގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ފިޔަވައި އެހެން އެންމެނާ ގުޅިފައިވާ ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ފެންބޮޑުވުމާ ގުޅިގެން ޗެެއްނާއީގައި އުޅޭ ބައެއް ދިވެހިން ޓްރިވެންޑްރަމްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ އަލީ އާދަމް ފޭސްބުކް

އަހުމަދު މުހައްމަދު ވިދާޅުވީ ޗެއްނާއީގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ.

''ދިމާވި ތަކުލީފު ފިޔަވައި، ނޫނީ ލިބުނު ޝޮކް ފިޔަވައި، އާއްމުކޮށް ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު. ކާބޯތަކެތީގެ މާބޮޑު ދަތިތަކެއް ދިމާވެ ނޫނީ ފެނަށް ޖެހި، ކާނާއަށް ޖެހި މިކަހަލަ ކަމެއް ދިމައެއް ނުވޭ އިރާދަކުރެއްވިއްޔާ،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

ޗެންނާއީ އަށް ކުރަމުންގެންދާ ވިއްސާރާގައި އެތައް ހާސް ބަޔަކަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފަ އެވެ.