މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެެހެން ކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ރޭ އިލްތިމާސްކޮށްފި އެވެ.

މިދުވަސްވަރު ވިއްސާރަކުރަމުން ދަނީ، މެޓް އޮފީހުން ބުނި ގޮތުން ރާއްޖޭގެ އިރުން ސްރީލަންކާ އަދި ކޮމޮރިން ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ.

މޫސުން ލަފާކުރާ ގޮތް

  • އުތުރާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށްވާރޭވެހޭނެ. އަދި ދެކުނުގެ އަތޮޅުތަކަށް ވެސް މެންދުރު ފަހު ގުގުރުމާ އެކު ވިއްސާރަކުރާނެ
  • ދެކުނުގެ އަތޮޅުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ ވައިޖެހޭނެ
  • އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ

މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.

ވޭތުވެ ދެ ހަފްތާގެ ތެރޭގައި ވެސް ވަނީ ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންބޮޑުވެފަ އެވެ. އެގޮތުން އައްޑޫގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ މީހުންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައްވެފަ އެވެ.