ދުނިޔެއާއި 5.7 ބިލިއަން ކިލޯ މީޓަރު ދުރުގައިވާ ތަރި، "ޕްލޫޓޯ"ގެ މިހާތަނަށް ނަގާފައިވާ އެންމެ ސާފު ފޮޓޯތައް ނާސާ އިން ދައްކާލައިފި އެވެ.

ނާސާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ފޮޓޯތަކުން ޕްލޫޓޯގެ ބިމުގައި އުފެދިފައިވާ ވަޅުގަނޑުތަކާއި ގަނޑުފެން އަދި ފަރުބަދަތައް ވަރަށް ސާފުކޮށް ދައްކުވައިދެ އެވެ.

އެ ފޮޓޯތަކަކީ ނާސާގެ ސްޕޭސް ކްރާފްޓަކުން މިދިޔަ ޖުލައި މަހު ޕްލޫޓޯ ކައިރިން ކުރި ދަތުރުގައި ނަގާފައިވާ ފޮޓޯ ތަކެކެވެ.

ނިއު ހޮރިޒަންސްގެ ޕްރިންސިޕަލް އިންވެސްޓިގޭޓާ އަލަން ސްޓާން ބުނީ، ޕްލޫޓޯގެ ފޮޓޯ ހާ ކޮލިޓީ ފޮޓޯތަކެއް އަދި މިހާތަނަށް ނެގިފައި ނުވާ ކަމަށެވެ.

"ވީނާސް އަދި މާސް ގެވެސް މިހާ ކޮލިޓީ ފޮޓޯތަކެއް އަދި މިހާތަނަށް ނެގިފައެއް ނެތް. މިއީ ނޭވާ ހިފަހައްޓާލެވޭ ހާ ރީތި ސާފު ފޮޓޯތަކެއް. މި ފޮޓޯތަކުގެ ރިޒޮލިއުޝަން ވަރަށް ހައި،" އަލަން ސްޓާން ބުންޏެވެ.

ޕްލޫޓޯގެ އިތުރު ފޮޓޯތައް އަންނަ ހަފްތާ ތެރޭގައި ދުނިޔެއަށް ފޯރާނެ ކަމަށް ބެލެވޭ އިރު، ނާސާގެ ސްޕޭސް ކްރާފްޓަކުން ނަގާފައިވާ ޕްލޫޓޯގެ ހުރިހާ ފޮޓޯތަކާއި މައުލޫމާތުތައް ދުނިޔެއާއި ހަމައަށް ވާސިލް ވުމަށް އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ނާސާއިން މައުލޫމާތުދެ އެވެ.

މައުލޫމާތު: ޔަހޫ ނިއުސް