ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް، ލެސްޓަ ސިޓީ ލީގުގެ އެއްވަނައަށް އެރިލިއިރު، އާސެނަލް ލީގުގެ ދެވަނައަށް ޖެހިލާފިއެވެ.

ތާވަލުގެ އެއް ވަނާގައި 32 ޕޮއިންޓާ ލެސްޓަ ސިޓީ އޮތް އިރު ދެ ވަނާގައި 30 ޕޮއިންޓާއެކީ އޮތީ އާސެނަލް އެވެ. ތިން ވަނާގައި 29 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތް އިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ގޯލްގެ ތަފާތުން ޔުނައިޓެޑް އޮތީ ހަތަރު ވަނާގައި އެވެ.

ލެސްޓަ ސިޓީ މިރޭ މޮޅުވީ، ސްވެންސީ ސިޓީއާ ބައްދަލުކޮށް 0-3 ގެ ނަތީޖާއިންނެވެ.

ލެސްޓާ ސިޓީއާއި ސްވެންސީ މިރޭ ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ

ސްވެންސީގެ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ގޯލް، ލެސްޓާއަށް މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރިޔާދު މަހްރޭޒްއެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި މަހްރޭޒް ވަނީ ލެސްޓާގެ ދެ ވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ލެސްޓާއިން ރަނގަޅު ކުޅުމެއް ދެއްކި އެ މެޗުގެ ތިން ވަނަ ގޯލް މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ މަހްރޭޒް ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފަ އެވެ.

އާސެނަލް ގެ އަމިއްލަ ދަނޑުގައި އެ ޓީމު މިރޭ މޮޅުވީ ސަންޑަލޭންޑްގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ގޯލް އޮޒިލް ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ، ކެމްޕްބެލްއެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން އޮލިވިއޭ ޖިރޫޑް އަތުން ބައިކޮޅަށް ވަތް ގޯލާއެކީ، ސަންޑަލޭންޑްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އާސެނަލް އާއި ސަންޑަލޭންޑް މިރޭ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ

ދެ ވަނަ ފަހަރަށް އެ މެޗުގައި އާސެނަލްއަށް ލީޑު ނަގައިދިން ގޯލް، މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ޖިރޫޑްއެވެ. އަދި މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ރަމްސީއެވެ.