08 Apr 2011, 20:01
ޣައްޒާ : ޣައްޒާއަށް އިސްރާއީލުން ޢުދުވާނީ ޙަމަލާތަކެއްދީ ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށް އެތަށްބަޔަކު ޒަޚަމްކޮށްލައިފިއެވެ.
އިސްރާއީލުން މިޙަމަލާތައް ދިނީ އިއްޔެއާއި މިއަދުއެވެ. ޣައްޒާގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށްދިން މިޙަމަލާތަކުގައި އިސްރާއީލުގެ އިސްތިޢްމާރާއި އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ޙަމާސްޖަމާއަތުގެ ދެމުޖާހިދަކު ޝަހީދުވިއިރު އަނެއް 8 މީހުންނަކީ ފަލަސްތީނުގެ ޢާންމުންނެވެ.
އިސްރާއީލުން ގެންދަނީ މިދިޔަ ހަފްތާއިން ފެށިގެން ޣައްޒާއަށް އެކިފަހަރުމަތިިން ވައިގެ މަގުން ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. މިޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސް އިސްރާއީލަށް ރޮކެޓް ޙަމަލާތައް ދީފައިވެއެވެ. ނަމަވެސް މުޖާހިދުންގެ ޙަލާތަކުގައި އިސްރާއީލުގެ އެކަކުވެސް މަރުވެފައެއްނުވެއެވެ. މިދިޔަ ހަފްތާގައި އިސްރާއީލުގެ ބަހެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން އިސްރާއީލުގެ ދެމީހަކު ޒަޚަމްވި ޙާދިޘާގެ ޒިންމާ ޙަމާސް ޖަމާއަތުން އުފުލާފައިވެއެވެ.
ޙަމާސުންބުނީ މިއީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިޢްމާރުކޮށް އެބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލު ހިންގާ ޢުދުވާނާ ދެކޮޅަށްދިން ޙަމަލާއެއް ކަމުގައެވެ. މިހަމަލާގެ ބޭނުމަކީ ފަލަސްތީނުގެ ބިންތައް ހިފައިގެން އަމާންކަމާއެކު އިސްރާއީލުގެ ޔަހޫދީންނަށް ދިރިނޫޅެވޭނެކަން ބަޔާންކޮށްދިނުން ކަމަށްވެސް ޙަމާސް ޢަސްކަރީ ގޮފި ޢިއްޒުއްދީން އަލްޤައްސާމުން ބުނެއެވެ.
ފަލަސްތީނުގެ މުޖާހިދުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދޭ ރޮކެޓް ހަމަލާތަކުން އިސްރާއީލަށް މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް މިހަމަލާތަކުގެ ސަބަބުން އިސްރާއީލު މީހުންނަށް އަމާންކަން ގެއްލުމުގެ ނަފްސާނީ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެއެވެ.
މުޖާހިދުންގެ ރޮކެޓް ހަމަލާތައް ހުއްޓުވުމުގެ ނަމުގައި 2008 ވަނަ އަހަރުގެ ފަހުކޮޅު އިސްރާއީލުން ގައްޒާއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށް ޣައްޒާގެ ބޮޑުބައެއް ފަނާކޮށްލައި ފަލަސްތީނުގެ ދޮޅުހާސްމީހުން ޝަހީދު ކޮށްލިއެވެ. ނަމަވެސް މުޖާހިދުންގެ ރޮކެޓް ޙަމަލާތައް ހުއްޓުވުމުގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބެއެވެ. -- އަލްޖަޒީރާ