05 Dec 2015, 23:23
އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީގެ އަތުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިވުމުން، އޭގެ ފައިދާ ނަގައި ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު މެންޗަސްޓާ ޔުނައިޓެޑަށް ގެއްލިއްޖެ އެވެ. މެންޔޫއަށް އެ ފުރުސަތު ގެއްލުނީ މިރޭ އެ ޓީމު ކުޅުނު މެޗުން އެއްވަރުވުމުންނެވެ.
ސިޓީ މިރޭގެ މެޗުން ބަލިވެ އެ ޓީމު 29 ޕޮއިންޓާއެކު ތިން ވަނަ އަށް ވެއްޓުނުއިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ޔުނައިޓެޑް ގޯލްގެ ތަފާތުން އޮތީ ހަތަރު ވަނާގަ އެވެ.

މެންޗަސްޓާ ސިޓީއާއި ސްޓޯކް ސިޓީ ކުޅުނު މެޗްގެ ސްޓޯކްގެ އަނޯޓޮވިޗް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ --- ފޮޓޯ:އޭޕީ
ސްޓޯކް ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ސިޓީ ކޮޅަށް އެ ޓީމުން ޖެހި ދެ ގޯލް ވެސް ފެނިގެން ދިޔައީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާކޯ އަނޯޓޮވިޗް ގެ ފަރާތުން ފުރަތަމަ ހާފުގަ އެވެ.
މިރޭގެ މެޗަށް ސިޓީ ނިކުތް އިރު އެ ޓީމުގެ ކުޅުންތެރިންނަށް ވަނީ އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެގޮތުން އެ ޓީމު މެޗަށް ނުކުތީ އަނިޔާގައި ހުރި ސާޖިއޯ އަގުއެރޯ އާއި ޔާޔާ ޓޯރޭ އާއި ވިންސެންޓް ކޮމްޕެނީގެ އިތުރުން ޕަބްލޯ ޒަބަލެޓާ ޓީމުގައި ނުހިމަނައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް މެނުއަލް ޕެލިގްރިނީ ބުނީ މިރޭގެ މެޗުން ބަލިވުމުގެ މައިގަނޑު ސަބަބަކީ ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެންޖެހުމުން ޓީމަށް އަނިޔާގެ މައްސަލަ ދިމާވެފައިވާތީ ކަމަށެވެ.

މެންޗަސްޓާ ޔުނައިޓެޑްއާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލު ކުރި މެޗްގައި މެންޗަސްޓާ ޔުނައިޓެޑްގެ ފެލިލިނީ ބޯޅަ ހިފައިގެން ދަނީ --- ފޮޓޯ: އޭޕީ
"އަހަރެމެން މި ސީޒަނުގައި މި ކުޅެނީ 12 ނުވަތަ 15 ކުޅުންތެރިންނާ އެކު. އެކަމަކު އަހަރެންގެ ޓީމު އެ ކުޅެނީ ޓީމެއްގެ ގޮތުގައި އެޓޭކް ކުރަމުން އަދި ޓީމެއްގެ ގޮތުގައި ޑިފެންޑް ކުރަމުން. އެހެން ނަމަވެސް މިރޭ އަހަރެންގެ ޓީމްގެ ފަރާތުން އެ ކުޅުން ފެނިގެން ނުދިއުމުން ބަލިމިވީ،" ޕެލިގްރިނީ ބުންޏެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި އެ ޓީމަށް ވަނީ ވެސްޓްހަމް ޔުނައިޓެޑްގެ ގޯލްފޫއަޅުވާލަން ނުކުޅެދިފަ އެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ މައުރޯނީ ފެލިލިނީއާއި އެންތޮނީ މާޝެލް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސތިތަކެއް ލިބި ބޭކާރު ވެފައެވެ.