05 Dec 2015, 23:06
ތިންހާސް މެމްބަރުން ހަމަކުރުމަށް ކުދި ސިޔާސީ ޕާޓީތަކަށް ދިން މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި މެމްބާޝިޕް ފޯމް ހުށަނާޅައިފިނަމަ އަށް ސިޔާސީ ޕާޓީއެއް އުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ތިންހާސް މެމްބަރުން ހަމަކުރުމަށް ނޯޓިސް ދީފައި ވަނީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި ދިވެހިރައްޔިތުންގެ ޝޯސަލް ޑިމޮކްރެޓިކް ޕާޓީ އާއި ޝޯސަލް ލިބަރަލް ޕާޓީ އާއި ޕީޕަލްސް ޕާޓީ އާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް އާއި ޕީޕަލްސް އެލައަންސް އާއި މޯލްޑިވިއަން ލޭބާ ޕާޓީގެ އިތުރުން ދިވެހި ގައުމީ ޕާޓީ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިއަހަރުގެ އޮގަސްޓް މަހު ގެނައި އިސްލާހުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ނޯޓިސް ދީފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ދީފައިވާ އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ނޯޓިސް ދީފައިވާ އެއްވެސް ސިޔާސީ ޕާޓީއަކުން، މިހާތަނަށް މެމްބާޝިޕްފޯމް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ހޯމަ ދުވަހުގެ ނިޔަލަށް އެ ޕާޓީތަކުން 3،000 މެމްބަރުން ހަމަނުކޮށްފިނަމަ ގާނޫނުގައި ބުނެފައިވާ ގޮތަށް އެ ޕާޓީތައް އުވިގެންދާނެ ކަމަށެވެ.
"ތިން ހާސް މެމްބަރުން ހަމަކުރުމަށް އަޅުގަނޑުމެން ނޯޓިސް ދިން އެއްވެސް ޕާޓީއަކުން އިލެކްޝަން ކޮމިޝަނަކަށް، މިކަމާ ގުޅޭ ގޮތުން ބައްދަލުކޮށްފައެއް ވެސް ނެތް، އަޅުގަނޑުމެންނަށް އެއްވެސް ކަމެއްގައި މުއާމަލާތްކޮށްފައެއް ވެސް ނެތް،" އަކްރަމް ވިދާޅުވި އެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ވަނީ 14 ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
އަކުރަމް މިރޭ ވިދާޅުވީ 10،000 މެމްބަރުން ހަމަކުރުމަށް ދެ ޕާޓީއަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ޕާޓީތަކުން މި މަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަކުރިޔަސް ދައުލަތުގެ ބަޖެޓުން ފައިސާ ދޫ ނުކުރާނެ ކަމާށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރި ފަހުން، 10،000 މެމްބަރުން ހަމަކުރި ޕާޓީތަކަށް ފައިސާ ލިބޭނީ 2017 ވަނަ އަހަރުގެ ބަޖެޓުން ކަމަށެވެ.
"ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަނުވާ ޕާޓީއަކުން ބަޖެޓް ފާސްކުރުމަށްފަހު، 10،000 މެމްބަރުން ހަމަވެއްޖެކަމުގައި ވާނަމަ، އެ ޕާޓީއަކަށް ދެން ފައިސާ ލިބޭނީ ވިދިގެން އަންނަ އަހަރުގެ ބަޖެޓުންނޭ،" އަކުރަމް ވިދާޅުވި އެވެ.