05 Dec 2015, 18:14
ކޮލަމްބޯ (ޑިސެމްބަރ 5):ސްރީލަންކާގެ ވެރި ރަށް ކޮލަމްބޯގައި ދަރިވަރުންތަކެއް ކުރި މުޒާހަރާއެއް ރޫޅާލުމުގައި ސްރީ ލަންކާ ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ދަރިވަރުންނަށް އަނިޔާކޮށްފައި ވާތީ އެ މީހުންނާމެދު ފިޔަވަޅު އެޅުމަށް، އެ ގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން މުހުލަތެއް ދީފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ސްރީ ލަންކާ ބުނި ގޮތުގައި މި އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު ޔުނިވާސިޓީ ގްރޭންޓްސް ކޮމިޝަން ކައިރީގައި ކިޔަވާ ކުދިންތަކެއް ކުރި މުޒާހަރާ ރޫޅާލުމުގައި އިންސާނީ ހައްގުތާކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށެވެ. ހާލަތާ ނުބައްދަލު ބާރު މުޒާހަރާއަށް ބޭނުން ކުރުމުގެ ސަބަބުން ނުވަ ދަރިވަރަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު 32 ސަފްހާގެ ރިޕޯޓުގައިވާ ގޮތުން ލަންކާގެ ފުލުހުން ވަނީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ޚިލާފަށް އަމަލު ކޮށްފަ އެވެ. އަދި މަދަނީ ގޮތުންނާއި ސިޔާސީ ގޮތުން ދަރިވަރުންނަށް ލިބިދޭ އިންސާނީ ހައްގުތަކަށް ފުށޫ އަރާ ގޮތަށް އެ ކުދިންނާމެދު އަމަލު ކޮށްފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ދަރިވަރުންނަށް ހަމަލާ ދިން ކަމުގެ ހެކި އެބަހުރި ކަމަށް ބުނެފަ އެވެ.
އެހެންކަމުން، އެ ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ނުވަ ދަރިވަރުންނަށް އަނިޔާގެ ބަދަލުގެ ގޮތުގައި ޕޮލިސް ޑިޕާންޓްމެންޓުން ޖުމްލަ 145،000 ރުޕީސް (1،035 ޑޮލަރު) ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އަންގާފައިވެ އެވެ. މީގެ އިތުރުން، ކިޔަވާކުދިންނަށް އަނިޔާ ކުރި އޮފިސަރުން ހޯދައި، އެ މީހުންނާމެދު ފިޔަވަޅު އެޅުމަށް ޕޮލިސް ޗީޕް، އިންސްޕެކްޓާ ޖެނެރަލް އެންކޭ އިލަންގަކޫން އަށް ތިން މަސް ދުވަހުގެ މުހުލަތު އެ ރިޕޯޓުގައި ދީފައިވެ އެވެ.
އެކައުންޓިން ކޯހެއް ޑިގްރީ ފެންވަރުގެ ކޯހެއްގެ ގޮތުގައި ބަލައިގަތުމަށް އެދި ދަރިވަރުން ބޭއްވި އެއްވުން ރޫޅާލުމަށް ލަންކާ ފުލުހުން ވަނީ ވޯޓާ ކެނަން އާއި ކަރުނަ ގޭސް ބޭނުން ކޮށްފަ އެވެ. އަދި ލަންކާ ޓީވީ ތަކުން ވަނީ ބައެއް ދަރިވަރުންގެ ގައިގައި މުގުރުން ޖަހާތަން ދައްކާފަ އެވެ.
ލަންކާގެ ފުލުހުންނާއި ގުޅޭ އެ މައްސަލައަކީ ލަންކާގެ ހިއުމަން ރައިޓްސް ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ލަންކާގެ ރައީސް މާތިރިޕިއްލަ ސިރިސޭނާ ހަމަޖެއްސެވި ފަހުން އެ ކޮމިޝަނުން ބެލި އެންމެ އިސް ފަރާތްތައް ހިމެނޭ މައްސަލަ އެވެ. އަދި، އެއީ ފުލުހުންނާއި ދެކޮޅަށް އެއްވެސް މުއައްސަސާއަކުން ފިޔަވަޅު އެޅި ފުރަތަމަ ފަހަރުކަމަށް ވެސް ލަންކާގެ ރަސްމީ ފަރާތްތަކުން ބުނެ އެވެ. (އޭއެފްޕީ)