ދިވެހި ސިފައިންގެ ކުލަބްގެ ވޮލީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އިބްރާހިމް ރަޝީދު (ސަތޯ)އާއެކު ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވުމުން އެ ޓީމަށް އާ ކޯޗަކު ހަމަޖައްސައިފި އެވެ.

ސިފައިންގެ ކުލަބުގެ ރައީސް އިބްރާހިމް ރަޝީދު "ސަން"އަށް މިއަދު ވިދާޅުވީ ސަތޯއާ ދެމެދެ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އެގްރީމެންޓްގެ މުއްދަތު ހަމަވުމުން އެ ކުލަބުގެ ކޯޗަކަށް ކުރީގެ އެސިސްޓެންޓް ކޯޗު އަހުމަދު މުއަންމަރު ހަމަޖައްސާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސަތޯ ވަތްކެއް ނުކުރަން. ސަތޯއާ އެކު އެއްބަސްވެފައި ވާނީ ގައުމީ މުބާރާތާއި ހަމައަށް ވޮލީ ޓީމަށް އިރުޝާދު ދޭން،" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ސަތޯއާ އެކު ހަދާފައިވާ އެގްރީމެންޓުގެ މުއްދަތު އިތުރު ނުކުރީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ތިން ވަނަ މަގާމު ސަތޯގެ އިރުޝާދުގެ ދަށުން ހޯދި ނަމަވެސް ރޭ ގައުމީ ވޮލީބޯޅަ މުބާރާތުގައި ސިފައިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމް ވަނީ ވާދަވެރި ޕޮލިސް ކުލަބު އަތުން ބަލިވެފަ އެވެ. އެ ޓީމު ކުޅޭ ދެ ވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ މޯލްޑިވިއަންއާ އެވެ. އެ މެޗުން ބަލިވެއްޖެ ނަމަ ސިފައިންނަށް ޖެހޭނީ ފައިނަލަށް ދިއުމަށް ސެމީ ފައިނަލް މެޗުގައި ވާދަކުރާށެވެ.