05 Dec 2015, 16:57
ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ކުރާ ވިހަ މާއްދާތައް މަދުކުރުމަށްޓަކައި އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ގޮތެއްގައި ދެމެހެއްޓެނެވި މަލީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ނެތުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ކޮޕް 21 ގެ ހަވާސާގައި ކްލައިމެޓް އެންޑް ކްލީން އެއަރ ކޯލިޝަން (ސީސީއޭސީ) އިން ބޭއްވި ޕެނަލްޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޮންޓްރިއަލް ޕްރޮޓޮކޯލް އާއި އެއްގޮތަށް އެޗްއެފްސީ އަދި ކާބަންޑައިއޮކްސައިޑް އުފައްދާ އަދި ބޭނުންކުރާވަރު މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެފަދަ ގޭސްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކުގެ މާލީ އެހީތެރިކަން ލިބެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ޕެނަލްޑިސްކަޝަންގައި މަޝްވަރާކޮށްފައި ވަނީ އެސްއެލްސީޕީ (ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް) ނުވަތަ ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ކުރާ ވިހަ މާއްދާތައް ބޭނުންކުރާ މިންވަރު ދަށްކުރުމާއި ބެހޭގޮތުންނެވެ. އަދި އެކަމަށް އެކަމަށް ސަރުކާރުގެ އެކި ލެވެލްތަކުގައި ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ.
ޖައްވަށް ދޫކުރާ އަދި ޖައްވަން ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށްޓަކައި ޚަރަދުކުޑަ އުފެއްދުންތައް ލިބެން ހުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު މިދަނީ މާލޭގައި ހުރި އެޗްސީއެފްސީ އަދި އެޗްއެފްސީ ބޭނުންކުރާ އެއާކޯނުތަކުގައި ބަދަލުގައި ޑައިރެކްޓް ކޫލިން ޓެކްނޮލަޖީ ބޭނުންކުރާ އެއާކޯނަށް ބަދަލުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓްޑީ ހަދަމުން. އޭގެ ސަބަބު ޖައްވަން ބޭރުކުރާ ވިހަ ގޭސް ވަރަށް ބޮޑަށް މަދުކުރެވޭނެ،" ތާރިގު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރުމުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ވިހަ މާއްދާތައް މަދު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރާއްޖޭން ކުރާނެ ކަމަށާއި އަދި އެކަމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ވިހަ މާއްދާތައް ބެހޭ ދިރާސާތައް ކުރުމަށް ހަނިމާދޫގައި އޮބްޒަވޭޓްރީ އެއް ގާއިމުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެތަނުގައި ކުރި ދިރާސާތަކުން އެފަދަ ގޭސްތަކުން ރާއްޖެ އާއި އޭޝިއާ ކޮންޓިނެންޓަށް ކުރާނެ ނޭދެވޭ އަސަރު ދެނެގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފަދަ މާއްދާތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ދަނޑުވެރިކަމަށާއި އެކޯ ސިސްޓަމަށް ކުރާ ނޭދެވޭ އަސަރުކުޑަ ކުރުމަށްޓަކައި އެ ވާހަކަ އަކީ ގައުމީ ފެންވަރުގަ އާއި ބައިނަލް އަގުވާމީ ފެންވަރުގައި ދައްކަންޖެހޭ ވާހަކަ އެއް ކަމަށް ވެސް ތާރިގު ވިދާޅުވިއެވެ. އަދި މިކަމާއި ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމާއި މީހުންތަމްރީނު ކުރުމާއި ޓެކްނޮލަޖީގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ވަރަށް މުހިއްމުކަމެއް ކަން ފާހަގަ ކުރެއްވިއެވެ.