14:30


ފުވައްމުލަކު ހޮސްޕިޓަލްގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތި ދެ މަސްވެފައިވާ ކަމަށް ބުނެ އާއްމުން ޝަކުވާކުރަން ފަށައިފި އެވެ.


ސަންއެފްއެމުން ގެނެސްދޭ ރައްޔިތުންގެ ނޫސް މިޕްރޮގްރާމްގެ ބައިވެރިވި ފުވައްމުލަކު މީހަކު ރޭ ބުނީ އެ ރަށު ހޮސްޕިޓަލްގައި ކުޑަކުދިންގެ ޑޮކްޓަރަކު ނެތުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން އަތޮޅަކީ ކައިރީގައި އެހެން ރަށެއް ނެތް އަތޮޅަކަށް ވެފައި، ކުއްޖަކު ބަލިވެގެން ދާންޖެހެނީ އެހެން އަތޮޅަކަށް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ހޮސްޕިޓަލްގައި އަންހެނެނުންގެ ޕްރައިވެޓް ކޮޓަރިއެއް ނެތުމުން ވެސް ވަރަށް ގިނަ މައްސަލަތައް ނިކުންނަ ކަމަށް އޭނާ ބުންޏެވެ.


މިކަމާ ގުޅިގެން ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު އިސްމާއިލް މިއަދު ވިދާޅުވީ ކުޑަކުދިންގެ ޑޮކްޓަރެއް އެރަށުގައި ނެތި ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާކަން ހެލްތް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.


މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.