05 Dec 2015, 15:22
އިދިކޮޅު އެމްޑީޕީން "މިންޖުވާން" މި ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އދ.ގެ ލޯގޯ ބޭނުންކުރި މައްސަލަ ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ އެމްޑީޕީގެ މުޒާހަރާގައި އދ.ގެ ލޯގޯ ބޭނުންކޮށްފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އދ.ގެ މިޝަނުން ނެރުނު ބަޔާން، އެ މިޝަންގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީން "މިންޖުވާން" މި ނަމުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ފެށި މުޒާހަރާގެ ބައިވެރިން ލައިގެން ތިބި ޓީޝާޓުތަކާއި މުޒާހަރާގައި ބޭނުން ކުރި ދިދަތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯއާ އެކު އދ.ގެ ލޯގޯ ވަނީ ހިމަނައިފަ އެވެ.
އެކަމާ ގުޅިގެން އދ. އިން ބުނެފައި ވަނީ ވަކި ފަރާތަކަށް ނުޖެހުމަކީ އދ.ގެ އުސޫލެއް ކަމަށްވާ އިރު، އދ.ގެ ލޯގޯ ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލާ ކަމަށެވެ.
އެެހެންކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކާ މެދު ފިޔަވަޅު އެޅުމަކީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ގޮތް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމަށް އިލެކްޝަނުން ހުރިހާ ސިޔާސީ ޕާޓީތަކަކަށް ގޮވާލަން،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން ދުރާލައި ރާވައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އިލެކްޝަނަށް ނާންގައި އެހެން ޕާޓީތަކުން ބައިވެރިވަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އިލެކްޝަނުން ވަކި ޕާޓީއެއް ފާހަގަ ކޮށްފައި ނުވި ނަމަވެސް، އަދާލަތު ޕާޓީން ވަނީ މިންޖުވާން މުޒާހަރާގައި ބައިވެރިވެފަ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އަދާލަތު ޕާޓީން އެ މުޒާހަރާގައި ބައިވެރި ނުވާ ކަމަށް އެޕާޓީގެ ލީޑަޝިޕުން ޔަގީންކޮށްދީފައިވާ ކަމަށެވެ. އަދި ޕާޓީގެ މެމްބަރެއް ކަމަށްވާ ޝިދާތާ ޝަރީފު އެއްވުމުގައި ބައިވެރިވީ އަމިއްލަ ގޮތުން ކަމަށް އުމަރު ވިދާޅުވި އެވެ.
ނަމަވެސް އަދާލަތުން ފަހުން ބުނެފައި ވަނީ މިންޖުވާން މުޒާހަރާގައި އަދާލަތު ޕާޓީގެ ފުރިހަމަ ބައިވެރިވުން އޮތް ކަމަށާއި އަދާލަތު ޕާޓީން އަބަދުވެސް އަނިޔާވެރި ކަމާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ.