މުއްސަނދި ޓޫރިސްޓުން ނުވަތަ ހައިލެވެލްގެ ޓޫރިސްޓުން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތައް މި މަހު ރެކޯޑް އަދަދަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި ޖައްސާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު "ސަން" އަށް ވިދާޅުވީ މިމަހު 28ގައި އައިއެންއައިއޭގައި 43 ޕްރައިވެޓް ޖެޓް ޖައްސައި ޕާކްކޮށްފައި އޮންނާނެ ކަމަށާއި އެއީ އެހާ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ރާއްޖޭގެ އެއާޕޯޓެއްގައި ޕާކްކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

މިދުވަސްވަރަކީ ޓޫރިޒަމްގެ ހައިސީޒަން އަށްވާ އިރު އާދިލް ވިދާޅުވީ މީގެ ކުރިން ވެސް އެފަދަ ޖެޓްތައް ވަރަށް ގިނައިން ރާއްޖެ އަށް އަންނަ ކަމަށެވެ. ނަމަވެސް އެ ޖެޓްތައް އައިއެންއައިއޭގައި ޕާކްކޮށްފައި ނުބެހެއްޓެނީ އެއާޕޯޓުގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށް އާދިލް ވިދާޅުވި އެވެ.

ނަމަވެސް މިހާރު އެއާޕޯޓްގެ އުތުރު އޭޕްރަންގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފަށާފައިވާތީ، އާދިލް ވިދާޅުވީ އެތަނުގައި ޕާކްކުރަން ހާއްސަ ޖާގައެއް އޮންނާނެ ކަމަށެވެ. އެގޮތުން އެތަނުގައި 43 ޕްރައިވެޓް ޖެޓް މިމަހު 28ގައި ޕާކްކޮށްފައި އޮންނާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

އާދިލް ފާހަގަކުރެއްވި ގޮތުގައި ބޮޑަތި މުއްސަނދިން އަންނަ އެފަދަ ޖެޓްތައް ޕާކްނުކުރެވޭތީ މީގެކުރިން އެމީހުންގެ ދަތުރުތައް ކެންސަލް ވެސް ކުރެ އެވެ. ނަމަވެސް މިހާރު އެ މައްސަލައަށް ހައްލެއް ލިބިފައިވާތީ އެ ޖެޓްތައް ޕާކްކޮށްފައި ހުންނަ ކޮންމެ ދުވަހަކަށް އެމްއޭސީއެލްއަށް އާމްދަނީ ލިބޭނެ އެވެ.

"މިއީ ހަމައެކަނި އެމްއޭސީއެލް އަކަށް ނޫން ސަރުކާރަށް ވެސް ރިސޯޓްތަކަށް ވެސް އަދި އެފަދަ ޖެޓްތައް އޮޕަރޭޓް ކުރާ ފަރާތްތަކަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް މިއީ. އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ޓޫރިޒަމް ހަމަ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށް،" އާދިލް ވިދާޅުވި އެވެ.

ބޭނުންކުރަން ފަށާފައިވީ ނަމަވެސް އައިއެންއައިއޭގެ އާ އޭޕްރަން ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ މިމަހު މެދެއްހާ ހިސާބުގައި ކަމަށް އާދިލް ވިދާޅުވި އެވެ.