ސްޓާ ވޯޒްގެ އޮރިޖިނަލް ފިލްމުގެ ސްޕެޝަލް އިފެކްޓްސް ހެދި، ފޮޓޯޝޮޕްގެ އެއް ބާނީ ކަމުގައިވާ ޖޯން ނޮލް ރާއްޖެ އަތުވެއްޖެ އެވެ.

ޖޯން ނޮލް ރާއްޖެ އައިސްފައި ވަނީ ރާއްޖޭގައި ޝޫޓް ކުރަމުން އަންނަ ސްޓާ ވޯޒް ރިބޫޓް ސިލްސިލާގެ ފުރަތަމަ ފިލްމު، "ރޯގު ވަން: އަ ސްޓާ ވޯޒް ސްޓޯރީ"ގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތް ކުރުމަށެވެ.

މީގެ ދެ ހަފްތާ ކުރިން އޭނާ ރާއްޖެ އައިސްފައިވާ އިރު، އޭނާ މިވަގުތު ހުރީ ލ. ގަމުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ޖޯން ވަނީ ސްޓާ ވޯޒް އޮރިޖިނަލް ފިލްމުތަކުގެެ އިތުރުން، ސްޓާ ޓްރެކްގެ ބައެއް ފިލްމުތަކުގެ އިތުރުން ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ ފިލްމަކަށް ވެސް ވިޝުއަލް އިފެކްޓްސް ހަދައިދީފަ އެވެ.

އޭނާ އަކީ ސްޕެޝަލް އިފެކްޓްސްގެ ކެޓަގަރީ އިން އޮސްކާ ވެސް ހޯދާފައިވާ މީހެކެވެ. ޖޯން އަށް އޮސްކާ ލިބިފައި ވަނީ ޕައިރެޓްސް އޮފް ދަ ކެރީބިއަން: ޑެޑް މޭންސް ޗެސްޓް އިންނެވެ. އެ ފިލްމުގައި ދައްކުވައިދިން ވިޝުއަލް އިފެކްޓްސް އަށް އޭނާ އަށް ވަނީ ޖުމްލަ ހަ އެވޯޑެއް ލިބިފަ އެވެ.

ސްޓާ ވޯޒްގެ ކްރޫ މިވަގުތު ލ. އަތޮޅުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ޝޫޓިން ކުރިއަށް ދާނެ އެވެ.

ގަރެތު އެޑްވާޑްސް ޑައިރެކްޓް ކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.