މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާ އެކު އައްޑޫ ސިޓީ ހިތަދޫން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މިއަދު ބުންޏެވެ.

މިއީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލައެއްގެ އިތުރުން ކުޑަކުއްޖަކާ ބަދުއަހުލާގީ ޢަމަލު ހިންގުމުގެ މައްސަލައަކާއި މަސްތުވާތަކެތީގެ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ޢަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން މިއަދު ހެނދުނު 11:20 އެހާކަންހާއިރު ހިތަދޫ މަގެއްގެ މަތީންނެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކުގެ ތެރެއިން އެއް ޕެކެޓް ފެނިފައި ވަނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރަން އުޅުމުން ބިން މައްޗަށް އެ ޕެކެޓް ވައްޓާލިތަނުން ކަމަށާއި އަނެއް ދެ ޕެކެޓް ފެނިފައި ވަނީ އެމީހާ ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސްގެ ޖީބުން ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.