05 Dec 2015, 13:20
އަވަށު ވާދަވެރިކަމަކީ ދިވެހިންނަށް އައު ވާހަކައެއް ނޫނެވެ. ކުރިން ވެސް މިހާރު ވެސް ދިވެހިންގެ ތެރޭގައި އޮންނަ ކަމެކެވެ. ބޮޑެތި ރަށްތަކުގައި މިހާރު ވެސް އަވަށްތަކުގެ މެދުގައި ވާދަވެރި ހަރަކާތްތައް ހިންގަ އެވެ.
ބަޔަކު ކުރިއަރައިގެން ދާނީ އެބައެއްގެ ތެރޭގައި ވާދަވެރިކަމެއް އޮވެގެންނެވެ. ނަމަވެސް އެއީ ވަކި ކަހަލަ ވާދަވެރިކަމެކެވެ. އެއީ ރަނގަޅު ނިޔަތުގައި އޮންނަ ވާދަވެރިކަމަކަށް ވާންވާނެ އެވެ. އަނެކާއަށް ގެއްލުމެއްދީ ގޯސް ނިޔަތެއްގައި ކުރެވޭ ވާދަވެރިކަމެއް ކަމުގައިވާ ނަމަ، އެކަމުގެ ސަބަބުން ލިބޭ މަންފާއަށް ވުރެ، ގެއްލުން ބޮޑުވެ ކުރިއެރުމަށް ހުރަސްއެޅިގެން ދާނެ އެވެ.
މިފަދަ ހިތާމަވެރި ހާދިސާތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. ދެ އަވަށުގެ ނޫނީ ދެ ރަށުގެ ދެމެދުގައި އޮންނަ ވާދަވެރިކަމެއްގެ ސަބަބުން ބައެއްގެ ފުރާނަ މި ދުނިޔެއާ ވަނީ ވަކިވެފަ އެވެ. ގެދޮރާއި މުދަލަށް ވަނީ ގެއްލުން ލިބިފަ އެވެ. އާއިލާތައް ރޫޅި ދޭދޭ މީހުންނާ މޫނު ކެނޑި ގުޅުންތައް ފުނޑުފުނޑުވެފައި ވެސް އެބަހުއްޓެވެ. އަވަށު ވާދައިގައި ދެ އަވަށް ދޭތެރޭގައި ކޯރު ކޮނެލާފައި ވެސްވެ އެވެ.
ކުރިއާ ޚިލާފަށް މިއަދު މި ވާދަވެރިކަން މިވަނީ ފަނޑުވެފަ އެވެ. ޚާއްސަކޮށް މާލޭގަ އެވެ. ރަށްރަށުގައި ވާދަވެރިކަން އަދިވެސް އެބައޮތެވެ. އެކިއެކި މުބާރާތްތަކުން މިކަން ފެނިގެންދާނެ އެވެ. މާލެ އިން މިކަން ފަނޑުވެފައި މިވަނީ ސިޔާސީ އޮއިވަރަށް އައި ބަދަލެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. މާލޭގެ ހަތަރު އަވަށުގެ ދެމެދުގައި ކުރިން ވަރަށް ބޮޑު ވާދަވެރިކަމެއް އޮތް ކަމަށް ތާރީޚު ހެކިދެ އެވެ. މިސާލަކަށް ފުޓުބޯޅަ މުބަރާތްތަކުގައި ޓީމުތައް ތަމްސީލް ކުރަމުން ދިޔައީ އެ ޓީމެއް ނިސްބަތްވާ އަވަށެވެ. ދަނޑުގައި ފޯރި ވަރަށް ގަދަ އެވެ.
ނަމަވެސް މިއަދުގެ މަންޒަރު ވަރަށް ތަފާތެވެ. ގައުމީ ޓީމުގެ މެޗެއް ބެލުމަށް ނޫނީ މީހަކު ދަނޑަށް ނުވަދެއޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެ އެވެ. އެއާ އެކު ދިވެހި ފުޓުބޯޅައަށް އޮތް ފޯރި މިވަނީ ކުޑަވެފަ އެވެ. އެހެންކަމުން އެ ފޯރި އަލުން ގެނައުމަށް މިފަހަރުގެ ދިވެހި ލީގު ވެސް ވަނީ ކޮންމެ ޓީމަކު ވެސް އަވަށް ތަމްސީލު ކުރާގޮތަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ތަރުހީބު އިތުރެއް ނުވި އެވެ.
ސަބަބަކީ ކޮބައިތޯ އެވެ؟ ވާދަވެރިކަން ނެތުމެވެ. މިހާރު އެހެން ވާދަވެރިކަމެއް މާ ބޮޑުވީމަ އެވެ. މިހާރު ވެސް ވަކި ކުލައެއްގެ ތަރުހީބު ދައްކުވައިދިނުމަށް މުބާރާތެއް ބާއްވައިފި ނަމަ ލިބޭ ތަރުހީބު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ކަން މިހެން އޮތް ނަމަވެސް، އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ކުރިއަރައިގެން ދިއުމުގެ ޖޯޝު އަދިވެސް ފަނޑު ނުވާކަން ހާމަވެއްޖެ އެވެ. މިކަން ހާމަވެފައި ވަނީ ޓުވިޓާގައި ދައުރުވަމުން އަންނަ ޕޯލް އެއްގެ ސަބަބުންނެވެ. މާލޭގެ އަވަށްތަކުގެ ތެރެއިން އެންމެ ރަނގަޅު އަވަށަކީ ކޮބައިތޯ ބެލުމަށް ހުޅުވާލި ޕޯލް އާ އެކު މިހާރު އެ ވާދަވެރިކަން އަނެއްކާ ވެސް ފެންނަން ފަށައިފި އެވެ.
ޓުވިޓާގައި ޕޯލް އެއް ހަދާއިރު އެންމެ ގިނަވެގެން ހިމެނެނީ ހަތަރު އޮޕްޝަނެކެވެ. އެހެންކަމުން މި ޕޯލްގައި ހުޅުމާލެ އާއި ވިލިނގިލި ވަކިން ހިމަނާފައެއް ނުވެ އެވެ. ވިލިނގިލި ހިމެނެނީ މާފަންނު ގަ އެވެ. އަދި ހުޅުމާލެ އަކީ ހެންވޭރުގެ ބައެކެވެ.
ޕޯލް އާއެކު #އަވަށްޕްރައިޑް މިވަނީ ޓުރެންޑް ވާން ފަށައިފަ އެވެ. މި ހޭޝްޓެގާ އެކު ޓުވިޓާ ބޭނުން ކުރާ ދިވެހިން އަންނަނީ އެންމެ ރަނގަޅު އަވަށަކީ ކޮބައިކަން، ސަބަބުތަކާ އެކު ހާމަކުރަމުންނެވެ. މިއާ އެކު ދިވެހިންގެ މެދުގައި އަދިވެސް ވަރަށް ވާދަވެރި ރޫހެއް އޮތްކަން ވަނީ ހާމަވެފަ އެވެ.
އަވަށު ވާދައިގައި ސިޔާސީ ލީޑަރުން ވެސް ބައިވެރިވަމުން އަންނަ އިރު، ވަރަށް އާދަޔާ ޚިލާފު ހެއްވާ މަޖާ ޓުވީޓްތައް އަންނަނީ ފެންނަމުންނެވެ. އެއާ އެކު މައުލޫމާތު ވެސް މުއްސަނދިވާ ކަހަލަ ޓުވީޓުތައް ވެސް އެބަ ފެނެ އެވެ. މި ހޭޝްޓެގާ އެކު ތާރީޚުގެ ތެރެއަށް މިވަނީ ގެންގޮސްފަ އެވެ.
އަވަށު ޕްރައިޑާ އެކު، އަވަށްތަކުގެ މެދުގައި ހުރި ތަފާތާއި މައްސަލަތަކާއި ލިބެން ހުރި ޚިދުމަތްތަކާއި ލިބެން ނެތް ޚިދުމަތްތައް ރައްޔިތުން މިވަނީ ފާހަގަކުރަން ފަށައިފަ އެވެ. މިއީ ޚިޔާލު ފާޅުކޮށްލައި އަޑުއުފުލަން ރަނގަޅު ގޮތެއްކަން އެބަ ސާބިތުވެ އެވެ.
ޕޯލްގައި ވޯޓުލުމުގެ ފުރުސަތު މިހާރު ކުޑަތަންވަމުން އަންނަ އިރު، މިހާރު 400 އަށް ވުރެ ގިނަ މީހުން ވަނީ ޕޯލްގައި ބައިވެރިވެފަ އެވެ. މިވަގުތު ހަމަގައިމު ވެސް އެންމެ ރަނގަޅު އަވަށުގެ އެންމެ ކުރީގައި އުޅެނީ މާފަންނާއި ހެންވޭރެވެ. ނަމަވެސް އެންމެ މޮޅު އަވަށެއް އިނގޭނީ ވޯޓުގެ ނަތީޖާއިންނެވެ.
މާލޭގައި ދިރިއުޅޭ ފަރާތްތަކުން ވަރަށް ފޯރިއާ އެކު #އަވަށުޕްރައިޑު ކުރިއަށް ގެންދާއިރު، އަތޮޅު ތެރޭގެ ރައްޔިތުން އަންނަނީ މި ޕޯލްގައި ބައިވެރިވެވޭނެތޯ ސުވާލު އުފައްދަމުންނެވެ.
މި ޕޯލްގެ މަގްސަދަކީ ބައެއްގެ މެދުގައި ބައިބައިވުން އުފެއްދުމެއް ނޫނެވެ. ވީމާ ރަނގަޅު ގޮތުގައި ޚިޔާލު ފާޅުކުރަންވީ އެވެ. އަވަށަށް އޮތް ލޯބި ދައްކުވައިދޭންވީ އެވެ. ތަނެއް ކުރިއަރާނީ ބިނާކުރުވަނިވި ފާޑުކިޔުމާއި އެންމެހާ ރައްޔިތުންގެ ބައިވެރިވުމާއި ވެސް އެކުގަ އެވެ.