05 Dec 2015, 12:49
ފްރެންޗް ލީގުގައި ރޭ ނީސްއާ 0-3 އިން ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މޮޅާ އެކު ޕީއެސްޖީ މިހާރު އޮތީ 45 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނާގައި އޮތް ސީން އަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ނީސް އޮތީ 25 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގަ އެވެ.
ނީސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކި އިރު މެޗުގެ 35 ވަނަ މިނެޓްގައި ޕީއެސްޖީން ވަނީ ލަނޑުޖަހާ ލީޑު ނަގައިފަ އެވެ. އިބްރަހިމޮވިޗް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އެވެ.

ފްރެންޗް ލީގުގައި ރޭ ނީސްއާއި ޕީއެސްޖީ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ
ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއަކުން އިބްރަހިމޮވިޗް ޕީއެސްޖީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އިރު ޕީއެސްޖީގެ ތިންވަނަ ގޯލް މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އިބްރަހިމޮވިޗް އެވެ.
އެ ދެ ގޯލާއެކީ އިބްރަހިމޮވިޗް އަށް ވަނީ ފްރެންޗް ލީގުގައި ޕީއެސްޖީއަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ. އިބްރަހިމޮވިޗް ވަނީ މިހާތަނަށް ފްރެންޗް ލީގުގައި 87 ގޯލް ކާމިޔާބުކޮށްފަ އެވެ.
ލީގުގައި މިހާތަނަށް ޕީއެސްޖީން 17 މެޗު ކުޅުނުއިރު އެޓީމު އަދި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.
ޕީއެސްޖީ އަށް ދެން އެންމެ އަވަހަށް މެޗެއް އިންނާނީ މިމަހު ނުވަ ވަނަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގްގައި ޝަޚްތަރު ޑޮނެސްކާއި ދެކޮޅަށް ކުޅޭ މެޗެވެ.