ކުޅުދުއްފުށީ ބަނދަރުގައި ފެން ވިއްކުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ރާއްޖެގެ އުތުރަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު ހަވީރު އެވެ.
ކުޅުދުއްފުށީގައި ރައީސް މިއަދު ފައްޓަވައި ދެއްވެވި ފެނުގެ ޚިދުމަތަކީ، ކުޅުދުއްފުށީ ބަނދަރަށް އަންނަ އޮޑި ދޯނި ފަހަރަށާއި، މަސްވެރިންނަށާއި، ދަތުރުވެރިންނަށް ސާފު ބޯފެން، ހެޔޮ އަގުގައި ވިއްކުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީން ޤާއިމް ކުރި ހިދުމަތެކެވެ.

ރައީސްގެ މިދަތުރުފުޅުގައި މިރޭ ކުޅުދުއްފުށީ ރަށު ކައުންސިލާ ބައްދަލުކުރައްވައި އެރަށު ތަރައްޤީއަށް ސަރުކާރުން ހިންގާ، އަދި ހިންގަން ގަސްދުކުރާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިގޮތުން، ކުޅުދުއްފުށިން ހިއްކަވާފައިވާ 28 ހެކްޓަރުގެ ބިން ތަރައްޤީ ކުރުމާއި ބަނދަރުމައްޗާއި ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، ކުޅުދުއްފުށީ ބަނދަރަކީ، ވިޔަފާރިއާއި، ދަތުރުފަތުރާއި، މަސްވެރިކަމަށް މަގުފަހި ކޮށްދޭ، އެ ސަރަޙައްދުގެ މައި ވިޔަފާރި ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރުމާބެހޭ ގޮތުން ކައުންސިލާއެކު މަޝްވަރާކުރައްވާނެ އެވެ.