އައްޑު އަށް ކުރި ވިއްސާރާގައި ގެއްލުންވި ފަރާތްތަކަށް ސަރުކާރުން ފައިސާގެ އެހީ ބަހަން ފަށައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު "ސަން" އަށް ވިދާޅުވީ، ފައިސާގެ އެހީ ބަހައި، ލިބުނު ގެއްލުންތައް ބެލުމަށް ފިނޭންސް މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓްގެ ޓީމެއް މިހާރު އައްޑޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފައިސާ ބަހަމުން އަންނަނީ އެކަމަށް ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ މަތިން ކަމަށެވެ.

އެގޮތުން 20،000 ރުފިޔާ އަށް ވުރެ ދަށް ގެއްލުމެއް ވެފައިވާ ފަރާތެއް ނަމަ އެ ފަރާތަކަށް ލިބުނު ގެއްލުން ފޫބެއްދުމުގައި ސަރުކާރުން މާލީ ގޮތުން 50 ޕަސެންޓްގެ އެހީ ވެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލިބުނު ގެއްލުން 20،000 އަށްވުރެ އިތުރުވާ ނަމަ އެ ގެއްލުމެއް ފޫބެއްދުމަށް ސަރުކާރުން 75 ޕަސެންޓް ހިފާނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވެފައި ވަނީ އައްޑޫގައި ފެންބޮޑުވެ އެންމެ ބޮޑު ގެއްލުންތަކެއް ލިބުނީ އާއްމު ރައްޔިތުންގެ ތަކެއްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ ތިން މިލިއަން ރުފިޔާ އަރަނީ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެއީ އަންދާސީ އަދަދެއް ކަމަށާއި ސީދާ ޖުމްލަ އަރާނެ އަދަދެއް ވިދާޅުވުމަށް ދަތި ކަމަށެވެ.

ޒިޔާދު ވިދާޅުވީ އައްޑު އަށް ކުރި ވިއްސާރާގައި ބައެއް ގޭގެ އަށް ހަ އިންޗިއަށް ފެން ބޮޑުވެފައިވާކަން ބެލި ބެލުންތަކުން ހާމަވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 130 ބެޑުރޫމް ސެޓު ހަލާކުވެފައި އެބަހުރި. ދެން ކޮޓަރިތަކަށް ފެން ވަދެފައި އެބަހުރި ހަ އިންޗިއަށް. ދެން 400 ގެއަށް ފެން ވަން. އޭގެތެރެއިން 300 ގެއަށް ފުދޭވަރަކަށް ފެން ވަދެފައި އެބަހުރި،" ޒިޔާދު ވިދާޅުވި އެވެ.