05 Dec 2015, 12:28
ސަސްޕެންޑް ކޮށްފައި ހުރި ކުޅުންތެރިއެއް އަރުވައިގެން ކުޅުވުމާ ގުޅިގެން، ސްޕެނިޝް ކަޕުން ވަކިކުރި މައްސަލަ އެޕީލްކުރަން ރެއާލް މެޑްރިޑުން ނިންމައިފި އެވެ.
އެ މައްސަލަ އިސްތިއުނާފު ކުރާނެކަން ހާމަކުރަމުން ރެއާލްއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ޗެރިޝޭވް ސަސްޕެންޑްކުރިކަން ސްޕެއިންގެ ފުޓްބޯޅަ އިދާރާ އިން އެ ޓީމަށް އަންގާފައި ނުވާ ކަމަށާއި އެހެންކަމުން އެ އަދަބު ނުދެވޭނެ ކަމަށެވެ.
ސްޕެނިޝް ކަޕްގެ ހަތަރުވަނަ ބުރުގައި ކާޑިޒްއާ ދެކޮޅަށް ކުޅެ 1-3ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗުގައި، ރެއާލް އިން ވަނީ އެ މެޗަށް ސަސްޕެންޑްކޮށްފައި ހުރި ޑެނިސް ޗެރިޝޭވް އަރުވައިގެން ކުޅެފަ އެވެ. އެ މެޗުގެ ފުރަތަމަ ގޯލް ވެސް ރެއާލްއަށް ކާމިޔާބުކޮށްދިނީ، ޗެރިޝޭވް އެވެ.
ސަސްޕެންޑްކޮށްފައި ހުރި ކުޅުންތެރިއެއް އަރުވައިގެން، ކުޅުވުމާ ގުޅިގެން ރެއާލް މުބާރާތުން ވަކިކުރަން، ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން ވަނީ ނިންމާފަ އެވެ.
ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ މިއީ އެ ކްލަބުގެ މައްސަލައެއްނޫން ކަމަށާއި ފުރަތަމަ ހާފު ނިމުމުން ބަދަލު ކުރި ޗެރިޝޭވް އަށް ކާޑު ހަމަވެފައިވާކަން އަދި ސަސްޕެންޑް ކުރެވިފައިވާކަން ވެސް ކުލަބަށް ސުޕެއިން އެފްއޭ އިން އަންގާފައިނުވާ ކަމަށެވެ.
ރެއާލް މެޑްރިޑް ސްޕެނިޝް ކަޕުން ވަކިކޮށްފައިވާ އިރު މި ސީޒަނުގައި ތައްޓެއް ހޯދުމަށް އެ ކްލަބަށް ބާކީ އޮންނާނީ ސްޕެނިޝް ލީގާއި ޔުއެފާ ޔޫރަޕިއަންސް ޗެމްޕިއަންސް ލީގެވެ. މީގެ ތެރެއިން ސްޕެނިޝް ލީގުގައި އެ ޓީމު އޮތީ ވާދަވެރި ބާސެލޯނާ އަށް ވުރެ ހަ ޕޮއިންޓް ފަހަތުގަ އެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ސަސްޕެންޑްކޮށްފައި ހުރި ކުޅުންތެރިއަކު ލައްވައި ކުޅުވުމުން ސްޕެއިންގެ އޮސަސޫނާ ވެސް މިދިޔަ އަހަރުގެ މުބާރާތުން ވަކިކޮށްފަ އެވެ.