ތަރައްގީގެ ކޮންމެ ނާރެހަކަށް ގައުމެއް ދަތުރުކުރި ކަމުގައި ވިޔަސް ވެސް އިސްލާމްދީނުގެ އަސާސްތަކާ ބީރައްޓެހިވެގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ބޭއްވެވި 100،000 ރުފިޔާގެ ގުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ތައުލީމީ ނިޒާމު ކުރިއަރުވަން ސަރުކާރު މަސައްކަތްތައް ކުރާއިރު އެ ނިޒާމު ވެސް ބައްޓަންވެފައިވާ ހަގީގީ އަސާސަކީ އިސްލާމް ދީން ކަމަށެވެ.

"ތަރައްގީ ވިޔަސް، ތަރައްގީގެ ކޮންމެ ނާރެހަކަށް ގައުމެއް ދަތުރުކުރާ އިރު ވެސް އިސްލާމްދީނުގެ މި އަސާސްތަކަށް އަޅުގަނޑުމެން ބީރައްޓެހިވެގެން ނުވާނެ،" ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ "އިލްމާ ދުރުވެއްޖެ ނުވަތަ ބީރައްޓެހިވެއްޖެ ހިތަކީ ހަގީގަތުގައި ދިރިހުރި ކަމުގައި ވިޔަސް މަރުވަމުންދާ ހިތެއް" ކަމަށެވެ.

އިސްލާމް ދީނުގެ އަސާސްތަކުގެ ތެރެއިން ތައުލީމީ ދާއިރާ ބޭރުނުވާ ގޮތަށް ރައީސް ޔާމީން ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކުރަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާކަމަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، ހުރިހާ ސްކޫލެއްގައި ގުރުއާނަކީ ކިޔަވައިދޭން ޖެހޭ މާއްދާއެއް ގޮތަށް ކަނޑައަޅާފައި އަދި އަވައްޓެރި ގައުމުތަކުގައި ދިވެހިން ވަޒަންވެރިވެ ތިބޭ އިރު ވެސް އިލްމު އުނގަންނައި ދިނުމަށް ޓަކައި ވަރަށް ހަރުދަނާ ސިޔާސަތެއް ރައީސް ޔާމީން އެކުލަވާލާފައިވާ ކަމަށެވެ.

ކީރިތި ގުރުއާނުގެ މުއްސަނދިކަން ދިވެހި ހިތްތަކަށް ގެނައުމަށް ޓަކައި ރައީސް ޔާމީންގެ ސަރުކާރުން އަދި ހާއްސަކޮށް އެޑިއުކޭޝަން މިނިސްޓަރާއި އިސްލާމިކް މިނިސްޓަރު ކުރައްވަމުން އަންނަ މަސައްކަތްތަކަށް މިނިސްޓަރު ޝުކުރުއަދާކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ނިމޭ އިރު ތަރައްގީގެ އާ އުސްމިންތަކެއް ރާއްޖެ ހާސިލްކުރާނެ ކަމަށާއި ރާއްޖޭގެ ތަރައްގީ އަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އެ މަސައްކަތުގައި، މި ދައުރު ނިމޭއިރު ރާއްޖެ ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލްކުރާނެ ކަމަށް ވިދާޅުވި އެވެ.