ބާލިން (ޑިސެމްބަރ 5) :ސީރިޔާގެ ބޮޑުބައެއް ހިފާފައިވާ އިސްލާމިކް ސްޓޭޓާ ދެކޮޅަށް ސީރިޔާގައި ކުރާ ހަނގުރާމާގައި ބައިވެރިވުމަށް ޖަރުމަނުގެ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން އިއްޔެ ބޭއްވި ވޯޓުގައި ބައިވެރިވި 598 މެމްބަރުންގެ ތެރެއިން 445 މެމްބަރުން ވަނީ ހަނގުރާމައިގައި ބައިވެރިވުމާ އެއްކޮޅަށް ވޯޓު ދެއްވާފަ އެވެ. ހަނގުރާމާގައި ބައިވެރިވުމާ ދެކޮޅަށް ވޯޓުދެއްވާފައި ވަނީ 146 މެމްބަރުންނެވެ. ވޯޓުގައި ބައިވެރި ނުވަނީ ހަތް މެމްބަރުންނެވެ.

ހަނގުރާމާގައި ބައިވެރިވީ ނަމަވެސް، ޖަރުމަނުން ސީރިޔާއަށް ވައިގެ ހަމަލާތައް ނުދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި ޖަރުމަނުން ސީރިޔާ އަށް ފޮނުވަން ހަމަޖެހިފައި ވަނީ ހަނގުރާމަމަތީ ބޯޓުތަކަށް ތެޔޮ އަޅާ ޖެޓަކާއި ފްރާންސުގެ އެއާކްރާފްޓް ކެރިއާ ރައްކާތެރިކުރާނެ އަސްކަރީ ބޯޓެކެވެ. މީގެ އިތުރުން، ޖާސޫސީ ހަ މަތިންދާބޯޓާއި 1،200 އަސްކަރީ ފަރާތްތައް ސީރިޔާ އަށް ފޮނުވަން ހަމަޖެހިފައިވެ އެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ހަނގުރާމާއި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހު ފާސްކޮށްފަ އެވެ. އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ސީރިޔާ އަށް ދިން ވައިގެ ހަމަލާތަކުގައި އައިއެސްގެ ތެޔޮ ފީލްޑަކަށް ހަމަލާދީފައިވާ ކަމަށް އެގައުމުން ބުންޏެވެ.

މައުލޫމާތު: އަލްޖަޒީރާ