05 Dec 2015, 10:14
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ކޮރަޕްޝަނުގެ ތަހުގީގުގައި، އެ އިދާރާގެ ކުރީގެ ދެ ނައިބު ރައީސުން ސުވިޒަލެންޑްގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ކުރިއަށް ގެންދާ އެ ތަހްގީގުގައި އިއްޔެ ހައްޔަރު ކޮށްފައި ވަނީ ޕެރެގުއޭގެ ހުއާން އެންހެލް ނަޕޫޓް އާއި ހޮންޑޫރަސްގެ އަލްފްރެޑޯ ހަވިޓް އެވެ. ބީބީސީ އިން ރިޕޯޓް ކުރިގޮތުގައި އެ ދެ ބޭފުޅުން ހައްޔަރު ކޮށްފައި ވަނީ ފީފާގެ ބައްދަލުވުންތަކަށް އެ އިދާރާގެ އޮފިޝަލުން ވަޑައިގެން އާންމުކޮށް ތިއްބަވާ ޒިޔުރިކްގެ ހޮޓަލަކުން ނެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ބިޑަށް ވޯޓުދީގެން ފީފާގެ އޮފިޝަލުން 6.6 މިލިއަން ޑޮލަރުގެ ހިޔާނާތް ވެފައިވާ ކަމަށް އެމެރިކާގެ އެފްބީއައި އިން ބުނެފައިވާ އިރު އެ މައްސަލާގައި ދެ ނައިބް ރައިސުންގެ އިތުރުން 16 އޮފިޝަލެއްގެ ނަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެނެޓުން މިހާރު ވަނީ އާއްމު ކޮށްފަ އެވެ.
މި 16 އޮފިޝަލުންގެ ލިސްޓުގައި ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ރިކާޑޯ ޓަކްޒެއިރާ އާއި ބޮލީވިއާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކާލޯސް ޗާވޭޒް އާއި އިކުއެޑޯ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ލުއިސް ޗިރިބޮގާ ހިމެނެ އެވެ.
ފީފާގެ ކޮރަޕްޝަން ތަހުގީގު ކުރަމުން އަންނަ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނާ ގޮތުގައި ވޯލްޑް ކަޕް ބޭއްވުމުގެ ވޯޓު ވިއްކާލުމާއި މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސް އާއި އެނޫން ކަންކަމުގައި ކޮރަޕްޝަންގެ ބޮޑެތި އޮޅުވާލުންތަކާއި ފިފާގެ އޮފިޝަލުން ނާޖާއިޒް ވަރަށް ގިނަ ފައިދާތައް ހޯއްދަވާފައިވާ ކަމަށެވެ.
ކޮރަޕްޝަނުގެ މައްސަލަތައް ބޮޑުވެ ފީފާގެ ރައީސް ކަމުން 17 އަހަރަށް ފަހު ބްލެޓާ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ. އޭނާގެ ބަދަލުގައި އާ ރައީސަކު ހޮވަން ވޯޓުލުން އޮންނާނީ އަންނަ ފެބްރުއަރީ މަހު އެވެ.
ދެ ނާއިބް ރައީސުން ސަސްޕެންޑްކުރި އިރު ކުރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ނާއިބް ރައީސް އަދި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ. މިހާރު ފީފާ ހިންގަނީ ސީނިއާ ވައިސް ޕްރެޒިޑެންޓް އީސާ ހަޔަތޫ އެވެ.