އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓަށް ބޯކޮށް ވާރޭ ވެހި، އެންމެ ބޮޑަށް ފެންބޮޑުވީ އެ ސްޓޭޓްގެ ވެރިރަށް ޗެންނާއީގަ އެވެ. ފެންބޮޑުވުމުގެ އެ ހާދިސާގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން މާއްދީ ގޮތުން ބޮޑެތި އެހެން ގެއްލުންތައް އެ ރަށަށް ވަނީ ކުރިމަތިވެފަ އެވެ.

ޗެންނާއީ އަށް ކުރިމަތިވި ހިތާމަވެރި ހާދިސާ ބައްލަވައިލެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެ ރަށަށް ދަތުރުކުރެއްވި އެވެ. އޭނާ އެ ރަށަށް ދަތުރުކުރެއްވި އިރު މަތިންދާބޯޓް ތެރޭގައި އިންނަވައިގެން، އެ ރަށުގެ ހާލަތު ބައްލަވާ ލައްވާ މަންޒަރު ފެންނަ ފޮޓޯއެއް، ސޯޝަލް މީޑިއާ، ޓުވިޓާގައި އޭނާ އާއްމުކުރެއްވި އެވެ. އެ ފޮޓޯ އިންޑިއާ ސަރުކާރުގެ ޕްރެސް އިންފޮމޭޝަން ބިއުރޯއިން ރި ޓުވީޓް ކުރި އެވެ.

ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ޕްރެސް އިންފޮމޭޝަން ބިއުރޯ އިން އެހެން ފޮޓޯއެއް ޓުވީޓް ކުރި އެވެ. އެ ފޮޓޯ އިން ފެންނަނީ މޯދީ ޓުވީޓް ކުރި ފޮޓޯގައި އޭނާ އިންނެވި ގޮތަށް އިންނަވައިގެން މަތިންދާބޯޓްގެ ކުޑަދޮރުން ބޭރު ބައްލަވައިލައްވާ މަންޒަރެވެ. ނަމަވެސް މޯދީ ޓުވީޓްކުރެއްވި ފޮޓޯއާ ވަރަށް ބޮޑު ތަފާތެއް އެފޮޓޯގައިވެ އެވެ. އެ ފޮޓޯ އިން ފެންނަ މަތިންދާބޯޓުގެ ކުޑަދޮރުން ބޭރު ފެންނަނީ އާދަޔާ ހިލާފަށް ސާފުކޮށެވެ.

އެޑިޓްކޮށްފައިވާ ފޮޓޯ.

ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ކޮށްފައިވާ ކަމަކީ ފޮޓޯ އެޑިޓްކޮށް، މަތިންދާބޯޓްގެ ކުޑަދޮރު ހުރި ތަނުގައި، ފެންބޮޑުވެފައިވާ ޗެންނާއީގެ އޭރިއަލް އެހެން ފޮޓޯއެއް ތަތްކުރުމެވެ.

އިންޑިއާގެ އާއްމުންގެ ވަރަށް ބޮޑު ފާޑުކިއުމެއް އަމާޒުވި، އެ ފޮޓޯ ޕްރެސް އިންފޮމޭޝަން ބިއުރޯއިން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނަގައިފަ އެވެ.

ޓުވިޓާގައި އެކަމަށް މަލާމާތްކުރި އެއް ބަޔަކު ބުނެފައި ވަނީ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން މޯދީ އަރިހު މައާފަށް އެދެން ޖެހޭނެ ކަމަށެވެ. ( މައުލޫމާތު ހޯދީ ބީބީސީ އިން)