08 Apr 2011, 17:17
ބަލިވެ އިންނަ ދުވަސް ވަރަކީ އަންހެންބޭފުޅުންގެ ހަށިގަނޑުގެ ހުރިހާ ނިޒާމަކަށް ފާހަގަ ކުރެވޭ ކަހަލަ ބަދަލުތަކެއް އަންނަ ދުވަސް ވަރެކެވެ. މީގެ ތެރޭގައި ހަމުގެ އެކި ދިމަދިމާލުގެ ކުލަބަދަލުވުން، ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތައް، ފައިގެ ލޭނާރު ފުއްޕުން، ލޭމަދުވުން، ބަނޑުހަރުވުން، ގިނަގިނައިން ކުޑަކަމުދެވުން ހިމެނެއެވެ. އަދި ހަށިގަނޑުގެ މުހިންމު \"ގުލޭންޑު\" ތަކަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިސާލަކަށް \"ތައިރޮއިޑް ގްލޭންޑުން\" ކުރާމަސައްކަތަށް ބަދަލުތަކެއް އައުން ހިމެނެއެވެ.
މާބަނޑު ދުވަސްވަރު ލޮލަށް ވެސް މުހިންމު ބަދަލުތަކެއް އަތުވެދާނެއެވެ. މީގެތެރެއިން ގިނަ ބަދަލުތަކަކީ އެދުވަސްވަރު އެކަނި ފެންނަ ކަމެއްކަމުގައި ވިޔަސް ބައެއް ކަހަލަ ބަދަލުތައް ދިގުދެމިގެން ހިނގައިދާނެއެވެ. މިތަނުން ފާހަގަ ކޮށްލެވޭ ކަންތައް ތަކަށް ބަލައިލަމާ ހިންގަވާށެވެ. މީގެ ތެރެއިން ކަޅުކަޅި ކޮންމެވެސް ވަރަކަށް ބޯވުން ހިމެނެއެވެ. މިހެން ވުމުން ކަޅުކަޅިއަށް އުނދަގޫ ތަކެއްވާހެން ހީވާނެއެވެ. މީގެ ތެރޭގައި ލޯ ފުސްވާހެން ހީވުމާއި، ލޯހިކޭހެން ހީވުން ހިމެނެއެވެ. މިހެން ގިނަފަހަރު ދިމާވާނީ ކަޅުކަޅީގެ މިފަދަ މައްސަލަތައް ކުރީގައި ވެސް ކޮންމެވެސް ވަރަކަށް ހުންނަމީހުންނަށެވެ. މީގެތެރޭގައި ކަރުނަ ހިކޭ މީހުންނާއި، ލޮލަށް \"ކޮންޓެކް ލެންސް\" ލައްވާ މީހުން ހިމެނެއެވެ. މިހެންވެއްޖެނަމަ މިދުވަސްވަރު \"ލެންސް\" ގެ ބަދަލުގައި ނަންބަރު އައިނު އެޅުއްވުން ބުއްދިވެރި ކަމަށް ފެނެއެވެ. އަދި މާބަނޑު ދުވަސް ވަރު ކަޅުކަޅީގެ އެއްވެސް އޮޕަރޭޝަނެއް ނުކުރައްވާށެވެ. މީގެ ތެރޭގައި އައިނު ނަންބަރު ކުޑަކުރަން ކުރާ \"ލޭސިކް\" ނަމަކަށް ކިޔާ އޮޕަރޭޝަން ހިމެނެއެވެ. ވިހެއުމަށް ފަހު ލޮލަށް ލެންސް ނުލައްވާ ދުވަސް ކޮޅެއް ވާންދެން މަޑުކުރައްވާށެވެ. ބަދަލުގައި އައިނު އެޅުއްވުން ރަނގަޅުވާނެއެވެ. މިހެން މިދެންނެވީ ކުޑަކުއްޖެއްގެ ކަންތަކުގައި އަވަދިނެތި އުޅުއްވަމުން \"ލެންސް\" ސާފުކޮށް ބަލަހައްޓަވަން ވާ ވަރަށް ނުބެލެހެއްޓެވި ދާނެތީ އެވެ. މީގެ އިތުރުން ރޭގަނޑު ދަންވަރު ތުއްތު ދަރިފުޅުގެ ކަމެއްގައި ކުއްލިއަކަށް ތެދުވާން ޖެހިއްޖެ ނަމަ ލޮލަށް އެވަގުތު ލެންސެއް ލެއްވުމަށް ވުރެ އައިނެއް އެޅުން ފަސޭހަވެފައި އަވަސް ވާނެ ކަމަށް ފެންނާތީ އެވެ.
މާބަނޑު ދުވަސްވަރު ބައެއް މީހުންގެ ހަކުރު މައްޗަށް ދާތަން ފެނެއެވެ. މިހެން ވަނީ ބަލިވެ އިންނަމީހުންގެ ތެރެއިން ގިނަވެގެން ހަތެއް އިން ސައްތަ މީހުންނަށެވެ. މިހެން ވާން މެދުވެރި ވަނީ ބައެއްމީހުންގެ ހަށިގަނޑުން މައިމީހާ އަށާއި ކުއްޖާ އަށް މާބަނޑު ދުވަސްވަރު ބޭނުންވާވަރަށް \"އިންސުލިން\" އުފައްދާ ނުދޭތީ އެވެ. މިހެން ވުމުން މައިމީހާ އަށް ގިނަގިނައިން ކުޑަކަމުދެވޭ ގޮތްވެ، ގިނައިން ފެންބޮވާ ގޮތް ވެދާނެއެވެ. އަދި ވަރުބަލި ކުރާގޮތްވުމަކީ ވެސް ވެދާނެކަމެކެވެ. މިހެންވެއްޖެނަމަ ވަކިމިންގަނޑެއް ތެރޭގައި ހަކުރު ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. މިފަދަ މީހުންގެ ލޮލަށް ހަކުރުގެ އެއްވެސް އަސަރެއްކޮށްފައި ވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ފާހަގަ ކޮށްލަންޖެހޭ ކަމަކީ ހަކުރުގެ އަސަރުލޮލަށް ބޮޑަށް ކުރާނީ މާބަނޑުވެ ހަކުރު މައްޗަށް ދާމީހުންނަށް ވުރެ ހަކުރަށް ބޭސް ކުރަނިކޮށް މާބަނޑު ވާ މީހުންނަށް ކަމެވެ. މާބަނޑު ވެ ލޮލަށް ހަކުރުގެ އަސަރު ކޮށްފިނަމަ ދުވަސް ކޮޅަކަށްލޯ ފުސްވުމަކީ ވެދާނެ ކަމެކެވެ. މިހެން ވާން ދިމާވަނީ ލޮލުތެރޭގައި އިންނަ \"ލެންސަށް\" އެކިގަޑީ ގައި ހަކުރުގެ އަސަރުކޮށް ލެންސް އިންނާންވީ ވަރަށް ވުރެ ބޯވެ ތުނިވުމުގެ ސަބަބުންނެވެ. ހަކުރު ވަކި މިންގަނޑަކަށް ތިރިވުމުން ނުވަތަ ވިހެއުމުން މިކަން ރަނގަޅު ވެދާނެއެވެ. ނަމަވެސް ލޮލުގެ މުހިންމު ބައެއް ކަމުގައިވާ \"ރެޓީނާ\" އަށް ހަކުރުގެ އަސަރު ކޮށްފިނަމަ ވަރަށް ބޮޑަށްލޯ ފުސްވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ހަނދާން ކުރަންޖެހޭ އަނެއްކަމަކީ ހަކުރުގެ އަސަރު ކޮށް ލޮލުގެ ލޭހޮޅިތަކުން ލޭ ބޭރަށް ފޫދޭތޯ ބެލުމަށް ކުރެވޭ ޓެސްޓެއްކަމުގައިވާ \"ފުލުރެސިން އެންޖިއޯގްރާމް\"ފަދަ ޓެސްޓް ތައް ހެދުމަކީ މާބަނޑު މީހުންނަށް އޭގައި ނުރައްކަލެއް ދިމާވެދާނެ ކަމެއް ކަމެވެ.
މާބަނޑުވެ ލޭމައްޗަށް ގޮސް މިކަން ވަކިވަރަކަށް ނުހިފެހެއްޓިއްޖެނަމަ ލޮލަށާއި ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. މިހެން ދިމާވަނީ ބަލިވެ އިންނަ މީހުންގެ ގާތްގަނޑަކަށް ފަސް ޕަސެންޓް މީހުންނަށް ބަލިވެއިންނަތާ 20 ހަފްތާ ފަހުންނެވެ. މިހެން ވުމާއި އެކު މާބަނޑު ދުވަސްވަރު ލޭމައްޗަށް ގޮސް ނުރައްކަލަކާއި ހަމައަށް ދިއުމުގެ ކުރީން މިކަންކަން ފާހަގަކޮށް ފަރުވާ ލިބިގަތުމަކީ މައިމީހާގެ ރައްކަލަކަށްޓަކައި ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި ގޮތުން އެންމެ ކުރީގައި ފާހަގަ ކުރެވޭ އެއްކަމަކީ ކުޑަކަމުދާ އެއްޗިހީ ގައި \"ޕްރޮޓީން\" ގެ އަސަރުހުރިކަން އެނގުމެވެ. މިހެންވެއްޖެނަމަ އެމީހާގެ ލޮލުގެ އެތެރެ ވީ އެއްމެ އަވަހަކަށް ބަލަންޖެހޭނެ އެވެ. މިހެން ބަލާއިރު ފެންނަ ބައެއް ކަންތައް ތަކުގެ ތެރޭގައި ލޮލުގެ ނާރުގެ އަރިމަތީން ފެން ލީކުވުން އަދި \"ރެޓީނާ\"ގެ ލޭހޮޅި ހޮޅި އަށް އަންނަ ބަދަލުތައް ހިމެނެއެވެ. މީގެ ތެރޭގައި ލޭހޮޅި ތަކުން ލޭ ދައުރުވާ ވަރު މަދުވެ ރެޓިނާ ގެ ހުރިހާ ދިމާލަކަށް ފުރިހަމަ އަށް ލޭ ނުލިބޭ ގޮތްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މަދު ފަހަރަކު ލޮލުގެ އެތެރެއަށް ލޭހޮޅިއެއް ފަޅައިގެން ދިއުމަކީވެސް ވެދާނެ ކަމެއްކަން ހަނދުމަފުޅު ކުރައްވާ ށެވެ. މިހެންވެއްޖެ ނަމަ ފެނުމަށް ބޮޑެތި ބަދަލު ތަކެއް އަންނާ ނެއެވެ. ވަކި ވަރަކަށް ވުރެ މައްޗަށް ލޭހިނގައްޖެ ނަމަ އެންމެ ފަހުން ރެޓިނާ އިންތަނުން ނެއްޓިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ފުރާނައަށް ނުރައްކާތެރި ވާވަރަށް ފިޓުޖެހުމަކީ ވެދާނެކަމެކެވެ. އަދި ލޮލުން ސިކުނޑިއަށް ފޮނުވާދޭ އަލީގެ ސިގްނަލް ތައް ސިކުނޑީގައި ޖަމާވާ ހިސާބަށް ލޭދައުރުން ކުޑަވުމުގެ ސަބަބުން އެމީހެއްގެ ލޯވަރަށް ބޮޑަށް އަދިރިވެދާނެއެވެ. މިހުރިހާ ކަމަކަށް ބަލާއިރު މާބަނޑު ދުވަސްވަރު ލޭމައްޗަށް ހިނގައްޖެނަމަ މިކަމަށް ފަރުވާކުރުމުގައި ވީއެންމެ ބޮޑަކަށް ފަރުވާތެރިވެލައްވާށެވެ. ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މާބަނޑުވެ ލޭމައްޗަށް ދިއުމުގެ ނުރައްކާ ބޮޑީ ބަލިވެ އިނުމުގެ ކުރީގައިވެސް ކޮންމެވެސް ވަރަކަށް ލޭމައްޗަށްދާ މީހުންނަށާއި، ދޮށީ އުމުރެއްގައި ބަލިވެ އިންނަމީހުންނަށް އަދި ހަށިގަނޑު ހުންނަންވީ ވަރަށް ވުރެފަލަކޮށް ހުރެ ބަލިވެ އިންނަމީހުންނަށެވެ.
މާބަނޑު ބައެއްމީހުން ގެ ބޮލުތެރޭގެ މުހިންމު ހިސާބެއްކަމަށްވާ \"ޕިޓުޓަރީ\" ގްލޭންޑް ބޮޑުވާ ގޮތް ދިމާވެދާނެއެވެ. މިހެންވުމުން މިމުހިންމު \"ގްލޭންޑުން\" އުފައްދާ އުފެއްދުންތައް އިތުރުވެ އޭގެ ނޭދެވޭ އަސަރުތައް ހަށިގަނޑަށް ކުރަން ފަށާނެއެވެ. މީގެތެރޭގައި ދެއަރިމަތީން އަދި މަތީން ތިރިއަށް ފެންނަވަރުކުޑަވުން، މޫނުގައި އަދި ގައިގައި އިސްތަށި އިތުރުވުން، ބަރުދަން އިތުރުވުން އަދި ކޮލުގެ މަސްގނަޑު ފަލަވުން ހިމެނެއެވެ. މިކަހަލަ ކަމެއް ދިމާވެއްޖެނަމަ ލޮލުގެ ޚާއްސަ ޓެސްޓެއް ކަމުގައިވާ \"ވިޝުއަލް ފީލްޑް ޓެސްޓް\" ހެދުމަކީ މުހިންމު ކަމެކެވެ. މިޓެސްޓުން ދެއަރިމަތީން އަދި މަތީން ތިރިއަށް ފެންނަވަރު ކުޑަވެފައިވޭތޯ އާއި އަދި ކުޑަވިނަމަ ކުޑަވިވަރެއް ދެނެގަނެވޭނެއެވެ.
ލޮލުގެ ޕްރެޝަރު މައްޗަށްދާ މީހުން ބަލިވެ އިނުމުން މިކަމަށް ފަރުވާ ލިބިގަތުމަކީ ވަރަށް ބަލައިގެން ކުރަންޖެހޭކަމެކެވެ. މިހެން މިދެންނެވީ މިކަމަށް ބޭނުން ކުރާ ގިނަ ބޭސްތަކަކީ އޭގެސަބަބުން ބަނޑުގައި އޮތްކުޑަ ދަރިފުޅަށް ފަހަރުގައި ގެއްލުމެއް ލިބިދާނެ ބޭސްތަކަކަށް ވާތީއެވެ. ނަމަވެސް ގިނައިން ފެންނަނީ މާބަނޑުވުމުން ލޮލުގެ ޕްރެޝަރު ތިރިވާތަނެވެ. މިއީ މިދުވަސްވަރާއި ދިމާކޮށް ލޮލުގެ ޕްރެޝަރު މައްޗަށްދާ ނުވަތަ \"ގުލަކޯމާ\" ހުރެގެން ބޭސް ކުރާ މީހުންނަށް ލައްވާ ގުދުރަތީ ހެޔޮ ރަހުމަތެއް ކަމުގައިވެސް ބެލިދާނެއެވެ. ނަމަވެސް ލޮލުގެ ޕްރެޝަރު ތިރިކުރަން ބޭސް އަޅަން ޖެހިއްޖެ ހިނދެއްގައި ބޭސް އެޅުމަށްފަހު ކަރުނަވަޅަށް ފިތާލައްވައިގެން ފަސްވަރަކަށް މިނެޓް މަޑުކުރައްވާށެވެ. މިހެން ހެއްދެވުމުން ލޯފިޔަވައި ހަށިގަނޑުގެ އެހެން ދިމަދިމާލަށް ބޭހުގެ އަސަރު ކުރާލެއް ކުޑަވާނެއެވެ.
މާބަނޑުވެ ލޮލުގެ ފެނުމަށް ނުރަނގަޅު ބަދަލެއް ދާއިމީ ގޮތެއްގައި އަންނާނީ ވަރަށް މަދުމީހަކަށެވެ. ނަމަވެސް މިދުވަސްވަރާއި ދިމާކޮށް އާދަޔާ ޚިލާފަށް ލޯ ފުސްވެ، ލޮލުގައި ގަދަޔަށް ރިއްސާ އަދި ރަތްވެއްޖެނަމަ ލޮލުގެ ޑޮކްޓަރަކަށް އަވަހަށް ދައްކަވާށެވެ. މިހެންމިދެންނެވީ ބަލިބަލީގެ ކުރީކޮޅުގައި އެކަންދެނެގަނެ އެކަށީގެންވާ ފަދަ ރަނގަޅު ފަރުވާއެއް ލިބިގަތުމަކީ ފޫނުބެއްދޭފަދަ ބޮޑު ގެއްލުމަކުން އެމީހާ ސަލާމަތް ވުމަށް ލިބޭހަމައެކަނި ފުރުސަތު ކަމުގައިވާތީ އެވެ.