ރޭ ފެށި ގައުމީ ފިރިހެން ވޮލީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ޕޮލިސް ކުލަބުން ކާމިޔާބް ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު އެ މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ގައުމީ ވޮލީ ލީގުގެ ޗެމްޕިއަން ޕޮލިސް ކްލަބުން މެޗް ކާމިޔާބް ކުރީ 3 ސެޓް 2 ސެޓުން ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ސެޓް ސިފައިން ގެންދިޔައީ 25-22 ޕޮއިންޓް ދީފަ އެވެ. އެކަމަކު ޖެހިގެން އައި ސެޓް ޕޮލިސް ކާމިޔާބު ކުރީ 25-22 އިންނެވެ. މެޗުގެ ތިން ވަނަ ސެޓް ސިފައިން ހޯދީ 19-25 އިންނެވެ. ނަމަވެސް ހަތަރު ވަނަ ސެޓް 25-22 އިން އަދި ނަތިޖާ ނެރެން ކުޅުނު ފަހު ސެޓް ޕޮލިސް ކާމިޔާބު ކުރީ 17-15އިންނެވެ.

ތިން ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭ އިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ޖުމްލަ 3 ޓީމު ވާދަކުރާ މި މުބާރާތުގައި މިރޭ ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާ، މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ. މި މެޗުން ބަލިވެއްޖެ ނަމަ ސިފައިންނަށް ޖެހޭނީ ފައިނަލަށް ދިއުމަށް ސެމީ ފައިނަލް މެޗުގައި ވާދަކުރާށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭގަ އެވެ.