އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ދިޓީވީއާއެކު ސަން މީޑިއާ ގްރޫޕުން ކުޅުނު މެޗު "ސަން"އިން ކާމިޔާބުކޮށްފި އެވެ.

މީޑިއާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން ދިޓީވީއާއެކު ކުޅުނު ތިން ވަނަ މެޗު "ސަން"އިން ކާމިޔާބު ކުރީ 4-3 ނަތީޖާއަކުންނެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސަން މީޑިއާ ގްރޫޕުގެ ސީއީއޯ، ސިނާން އަލީ ވަނީ ހެޓްރިކް ހަދާފަ އެވެ.

ދެ ޓީމުގެ ކެޕްޓަނުން: އެކުވެރިން ބަދަހި ކުރުމުގެ ގޮތުން ދިޓީވީއާއެކު ސަން އިން ވަނީ ތިން މެޗު ކުޅެފައި-- ސަން ފޮޓޯ

ފުރަތަމަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ދިޓީވީ އިންނެވެ. ނުވަ ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބުކޮށްދިނީ ދިޓީވީގެ ކެމެރާމަން ސޮބާހު މުހައްމަދު (ސޮއްބަޅޭ) އެވެ. ސޮބާހު އެ ލަނޑު ކާމިޔާބު ކުރިތާ ދެ މިނިޓް ނުވަނީސް ސިނާން ވަނީ ސަންއަށް ލަނޑެއް ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ސިނާން ވަނީ ސަންއަށް ދެ ވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑު ނަގާފަ އެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި، ސިނާން ހެޓްރިކް ހެދީ ދެ ވަނަ ހާފުގައި ޖެހި ލަނޑާއެކުގަ އެވެ. ރައްދުގައި ދިޓީވީން ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. އެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮބާހު އެވެ. ސަންގެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ސަން ޓީވީގެ ކެމެރާމަން އިސްބާހު އިސްމާއިލު (އިސްބެ) އެވެ. ދިޓީވީގެ ފަހު ލަނޑު ކާމިޔާބު ކުރީ މޫސާ މިދާހު (މިއްޑޯ) އެވެ.

އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ދިޓީވީ އާއި ސަން އިން ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ

މީޑިއާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ސަން މީޑިއާ ގްރޫޕުން މިދިޔަ މަހު ވީޓީވީއާއެކު މެޗެއް ވަނީ ކުޅެފަ އެވެ. އަދި މިދިޔަ އަހަރު ޓީވީއެމް އާއި ދިޓީވީ އާއި ޕޮލިސް މީޑިއާއާއެކު ވެސް މެޗެއް ކުޅުނެވެ.

ސަން ޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން-- ސަން ފޮޓޯ