ސަން ފައުންޑޭޝަނުގެ އެހީއާ އެކު ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ދިއްދޫގައި ބޭއްވި 100،000 ރުފިޔާގެ ގުރުއާން މުބާރާތުގެ މިއަހަރުގެ އެއްވަނަ ހއ. ދިއްދޫ ފެހިއާރު، ނުޒްލާ އިސްމާއިލް ރަޝީދާއި އެރަށު ހުސްނުހީނާގޭ، ޖައުދާ ޒަކީ ހޯދައިފި އެވެ.

އެ މުބާރާތުގައި ޖުމުލަ 194 ދަރިވަރަކު ބައިވެރިވެފައިވެ އެވެ. އޭގެތެރެއިން 141 ދަރިވަރަކު ބައިވެރިވެފައި ވަނީ ބަލައިގެން ކިޔެވުމުން ނެވެ. ނުބަލައި ކިޔެވުމުން ބައިވެރިވެފައި ވަނީ 53 ދަރިވަރުން ނެވެ.

މިރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ތައުލީމީ ނިޒާމު ބައްޓަން ވެފައި ވަނީ ގުޅި ލާމެހިފައިވާ ސިޔާސަތެއްގެ ދަށުން ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ސިޔާސަތު ވެސް ބައްޓަން ވެފައި ވަނީ ވެސް އިސްލާމްދީނުގެ މަތިވެރި އަސާސްގެ މަތީން ކަމަށެވެ.

ތައުލީމީ ދާއިރާ ކުރިއެރުވުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް މިހާރުވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވީ އޭނާ ދިއްދޫ ދާއިރާއަށް ކުރިމަތިލެއްވީ ދިއްދޫ ދާއިރާގެ ރައްޔިތުންނަށް އިޚުލާސްތެރި ކަމާ އެކީ ޚިދުމަތް ކުރުމަށް ކަމަށެވެ.

އިހުލާސްތެރިކަމާއި އެކީ މަސައްކަތްކޮށް ކާމިޔާބީއާ ހަމައަށް ދިއްދޫ ދާއިރާ ކުރިއަށް ގެންގޮސް ދޭނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ދިއްދޫގެ ތަރައްގީއަށާއި ދިއްދޫގެ ލާބައަށް އިރާދަކުރެއްވިއްޔާ އިހުލާސްތެރިކަމާ އެކީ މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ލަތީފް ވިދާޅުވި އެވެ.

އެ މުބާރާތުގައި ކުރިން އިނާމު ދެއްވުމަށް ކުރިން ހަމަޖެހިފައި އޮތީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އެވެ. ލަތީފް ވަނީ ރައީސް މައުމޫނަށް އެ މުބާރާތުގެ އިނާމު ދެއްވުމަށް އެދި ދައުވަތު އަރުވާފަ އެވެ. ނަމަވެސް ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދިއްދޫ އަށް ވަޑައިނުގަންނަވާ ކަމަށް ޕީޕީއެމް އިން ވަނީ މިއަދު ބުނެފަ އެވެ.