އިންޑިއާގެ ޗެންނާއީ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ދިރިއުޅޭ ދިވެހީންގެ ހާލު ބެލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ފިޔަވައި އެހެން އެންމެނާ ގުޅިފައިވާ ކަމަށް ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި އަހްމަދު މުހައްމަދު ވިދާޅުވީ ޗެންނާއީގައި ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ތިބި 55 ދިވެއްސަކާ ގުޅުމަށް ކުރި މަސައްކަތުން ނުވަ މީހަކު ފިޔަވައި އެހެން އެންމެންނާ ގުޅި، އެމީހުން ބަދަލުވާން ބޭނުންވާ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

އަހްމަދު މުހައްމަދު ވިދާޅުވީ އޭގެތެރެއިން ބައެއް މީހުން ޓްރިވެންޑްރަމަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ބެންގަލޫރަށް ދާން ބޭނުންވި މީހުން އަމިއްލަ އަށް އެ ސިޓީއަށް ގޮސްފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ މިހާތަނަށް ވާހަކަދެއްކި ހުރިހާ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

''ދިމާވި ތަކުލީފު ފިޔަވައި، ނޫނީ ލިބުނު ޝޮކް ފިޔަވައި، އާއްމުކޮށް ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު. ކާބޯތަކެތީގެ މާބޮޑު ދަތިތަކެއް ދިމާވެ ނޫނީ ފެނަށް ޖެހި، ކާނާއަށް ޖެހި މިކަހަލަ ކަމެއް ދިމައެއް ނުވޭ އިރާދަކުރެއްވިއްޔާ،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

ދިވެހީންނާ ގުޅުމުގެ ދަތިކަމެއް އުޅެނީ މޯބައިލް ނެޓްވޯކްތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ކަމަށާއި މިހާތަނަށް ނުގުޅޭ ދިވެހީންނާ ގުޅުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ސަފީރު ވިދާޅުވި އެވެ.

ޗެންނާއީ އަށް ކުރަމުންގެންދާ ވިއްސާރާގައި އެތައް ހާސް ބަޔަކަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފަ އެވެ.