ކޮޕަޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރެއާލްއިން ކާޑިޒްއާ ދެކޮޅާށް ކުޅުނު މެޗްގައި ރެއާލްގެ ޑެނިޝް ޗެރިޝޭވް ލައްވައި ކުޅުވުމުން ސްޕެއިންގެ އެފްއޭއިން ރެއާލް އެމެޗުން ބަލިވެއްޖެ ކަމަށް ކަނޑައެޅުމުން ސްޕެނިޝް ކަޕުން ރެއާލް ކަޓައިފިއެވެ.

ރެއާލްއިން ބުނެފައިވަނީ އެޓީމާ ދެކޮޅަށް އެޅި ފިޔަވަޅު އެޕީލް ކުރާނެ ކަމަށެވެ.

ރެއާލްއާ ދެކޮޅަށް ފިޔަވަޅު އެޅި ސްޕެއިންގެ ފުޓްބޯލް ފެޑްރޭޝަންގެ ޑިސިޕްލިނަރީ ކޯޑުގެ 67 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

އެމާއްދާގައި ބުނެފައިވަނީ ސަސްޕެންޑް ވެފައި ހުރި ކުޅުންތެރިޔަކު ކުޅެން ނެރެފިނަ އެމެޗަކުން އެޓީމެއް ބަލިވެއްޖެ ކަމަށް ކަނޑައަޅޭނެ ކަމަށެވެ.

ރެއާލު އެމުބާރާތުން ކެޓީ ކޮޕަޑެލްރޭއަކީ ނުކޮއުޓް އުސޫލުން ކުޅޭ މުބާރާތަކަށް ވުމުންނެވެ.

ޑެނިސް ޗެރިޝްވް ކުޅުވި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރެއާލްގެ ރައީށް ފޮލޮރެންޓިނޯ ޕެރޭޒް ވިދާޅުވީ ކުޅުންތެރިޔަކު ތިން ކާޑު ހަމަވުމުން ނުކުލޭވޭނެކަން އަންނގަން ޖެހޭނެ ކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ޑިސްޕްލިނަރީ ކޯޑުގެ 41 ވަނަ މނާއްދާގައި ބުނެފައިވާ ކަމަށާއި ނަމަވެސް ޗެރިޝޭވް ސަސްޕެންޑްވެފައި ހުރިކަމެއް ސްޕެއިންގެ އެފްއޭއިން އަންގާފައި ނުވާކަމަށެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަންގެ ސްޕެނިޝްކަޕްގައި ވިޔަރެއާލްއަށް ކުޅުނު ޗެރިޝޭވްއަށް ތިން ރީނދޫ ކާޑު ހަމަވިފަހު ކުޅުނު ފުރަތަމަ މެޗެވެ.

އޭނާ އަށް ތިން ރީނދޫ ކާޑު ދައްކާފައިވަނީ މިދިޔަ ސީޒަންގެ ކޮޕަޑެލްރޭގައެވެ.

ޕެރޭޒް ވިދާޅުވީ ސަސްޕެންޑުކުރުންފަދަ ފިޔަވަޅެއް އެޅި ނަމަވެސް އެފަދަ ފިޔަވަޅެއް އަޅަންޖެހޭނީ ރަނގަޅަށް ކަމަށާއި ރެއާލްއާ މެދު ފިޔަވަޅު އަޅަނީ ރަނގަޅަށް ނޫން ކަމަށެވެ.

އެއީ ޑިސްޕްލިނަރީ ކޯޑުގެ 112 ވަނަ މާއްދާގެ ދެ ވަނަ ޕެރަގުރާފުގައި ބުނެފައިވާ ގޮތުގެ މަތިން ކޮޕަޑެލްރޭގެ ތިން ވަނަ ބުރު ނިމޭއިރު ދައްކާފައިވާ ހުރިހާ ކާޑެއް، އަލުން ކަޕަޑެލްރޭގެ މުބާރާތް ފެށޭއިރު ކެންސަލު ވާނެތީއެވެ.