04 Dec 2015, 22:16
ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮންނަ ގުޅުމަށް ތިން ވަނަ ގައުމެއްގެ ނުފޫޒު ނުވެއްދުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސްރީލަންކާގެ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ދުންޔާ މިގޮތަށް ގޮވާލައްވާފައިވާއިރު، ލަންކާގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާ ވިދާޅުވެފައިވަނީ މިދިޔަ މަހު ރާއްޖޭގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން އެގައުމުން ކަންބޮޑުވާ ކަމަށެވެ.
ރާއްޖޭއިން ސްރީލަންކާގެ ސުނައިޕަރަކު ހައްޔަރުކުރުމުން އެކަމާ ވެސް އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އަދި އެގައުމުގެ ވެރިރަށް ކޮލަންބޯގައި ހުރި ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް (ޝުންބާ ގޮންގު) ހައްޔަރުކުރީ ލަންކާގެ ގަވާއިދުތަކާ ޚިލާފަށް ކަމަށް ވިދާޅުވެ އެކަމާ ވެސް އޭނާ ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ސްރީލަންކާގެ 'ދަ އައިލެންޑް' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ ރާއްޖޭއާ ލަންކާގެ ގުޅުމާ މެދު ކަންބޮޑުވުންފާޅުކޮށްދިނުމަށް ބައެއް އޮބްޒާވަރުން ލަންކާ ސަރުކާރަށް ޕްރެޝަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އޮބްޒާވަރުންނެއް ކަމެއް ދުންޔާ ވިދާޅެއް ނުވެއެވެ.
"ބައެއް އޮބްޒާވަރުން ލަންކާގެ ސަރުކާރަށް ޕްރެޝަރުކޮށްފައި ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވާކަން ޕަބްލިކުގައި ހާމަކުރަން. އަޅުގަނޑު ލަންކާގެ ސަރުކާރަށް ދަންނަވަން އޮތީ ލަންކާއިން ރާއްޖެއާމެދު ގެންގުޅޭ ސިޔާސަތު ބައްޓަން ކުރުމުގައި ތިން ވަނަ ގައުމެއްގެ ނުފޫޒު ނުވައްދަވާށޭ،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭގެ ހަލަތާ މެދު ކަންބޮޑުވެ ސުވާލު އުފެދޭނަމަ ލަންކާއިން ކަންބޮޑުވާ މައްސަލައަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށެވެ.
"ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ގައުމު. ލަންކާއިން އެއްވެސް ލަފައެއް އަދި އެހީތެރިކަމެއްވެސް ދޭ ހާލަތެއްގައި ރާއްޖެއިން މަރުހަބާ ކިޔާނަން. އަދި މީގެ އިތުރަށް ލަންކާއިން ކަންބޮޑުވާ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ރާއްޖެއިން މަރުހަބާ ކިޔާނަން،" ދުންޔާ ވިދާޅުވި އެވެ.
ކޮލަމްބޯއިން ޝުންބާގޯންގް ހައްޔަރު ކުރުމުގައި ރާއްޖެއިން އަމަލު ކުރި ގޮތާ މެދު ލަންކާއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ދުންޔާ ވިދާޅުވީ ޝުމްބާގޮންގަކީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި މީހެއް ކަމަށެވެ.
ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އުޅޭ ދިވެހީން ހިމާޔަތް ހޯދާ ތަނަކަށް ލަންކާވުމަށް އެގައުމުގެ ސަރުކާރުންވެސް ބޭނުން ނުވާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
"އަޝްރަފަކީ ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާ ރައީސްލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅަށް ދެވުނު ހަމަލާގެ ތަހުގީގަށް ދިވެހި ފުލުހުން ހޯދަން އިއުލާން ކުރި މީހެއް. އަޅުގަނޑަށް ޔަގީން ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އުޅޭ ދިވެހިން ހިމާޔަތް ހޯދާ ތަނަކަށް ލަންކާ ވާކަށް ލަންކާއިންވެސް ބޭނުމެއް ނުވާނެކަން،" ދުންޔާ ވިދާޅުވިއެވެ.
ރާއްޖެ ސަރަހައްދުން ދަތުރުކުރި ސްރީލަންކާގެ ހަތިޔާރު ބޯޓާ ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ދުންޔާ ވިދާޅުވީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އެކަމާ ގުޅޭގޮތުން އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.
ރާއްޖޭއާ ލަންކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ ޚާއްސަ ކަންތައްތަކަކީ ކޮބައިތޯ ދެންނެވުމުން ދުންޔާ ވިދާޅުވީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ދެގައުމުގެ މެދުގައި އެއްބަސްވުންތަކެއް ވެފައި އެބަހުރިކަމަށެވެ. އަދި ދެ ގައުމުގެ ހެލްތު މިނިސްޓަރުންނާއި އެޑިއުކޭޝަން މިނިސްޓަރުން ވެސް އެ ދެ ދާއިރާ އިތުރަށް ހަރުދަނާކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ހަމައެހެންމެ ޓުއަރިޒަމްގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ހަރުދަނާ ކުރުމަށް ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.