ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބުރާހިމް އުފައްދާފައިވާ ދި ސަދަގާތް ފައުންޑޭޝަނާއި އާސަންދަ ކުންފުންޏާ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ 10 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ 10 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފައިވާކަން އިއުލާނު ކުރީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅުވައިގެން ނެވެ.

އާސަންދަ ކުންފުނިން ބުނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން އެ އޮފީސް ވެސް މިހާރު ފަރުމާ ކުރެވިގެން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ.

"ފުރޮޅުލީ ގޮނޑީގައި ތިއްބަވާ ކުދިންނަށްވެސް އަރާ ފޭބުމުގައި ދަތިނުވާނެހެން އާސަންދަ ކުންފުނީގެ މައި އޮފީސް ހިނގަމުންދާ ފެން ބިލްޑިންގެ ތިން ވަނަ ފަންގިފިލާ ތައްޔާރުކުރެވެމުންދާ ވާހަކަ މިފުރުސަތުގައި ދަންނަވާލަމެވެ." އާސަންދަ ކުންފުނިން ބުންޏެވެ.

އާސަންދަ ކުންފުނިން ބުނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި ގާނޫނެއްގެ ދަށުން ދެމުންދާ އިނާޔަތްތަކާއި އަދި އެފަދަ މީހުންނަށް ބޭނުންވާ ތަފާތު އާލާތްތައް ފޯރުކޮށް ދިނުމުގައި އެންސްޕާއާއި އާސަންދައިގެ ފަރާތުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކުޅެދޭ ފަރާތްތަކެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށް ސަރުކާރުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އަޑުނީވޭ ފަރާތްތަކަށް ކޮކްލިއަރ އިމްޕްލާންޓްގެ ކުރުމަށް މިއަދާއި ހަމަޔަށް "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން އަށް ކުދިން ކަންފަތް އޮޕަރޭޝަން ކޮށްފައިވާކަން ފާހަގަކޮށްލަމެވެ." އާސަންދަ ކުންފުނިން ބުންޏެވެ.

ބައިނަލް އަގުވާމީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހަކީ އިއްޔެ އެވެ.