08 Apr 2011, 17:11
ދެމެހެއްޓެނިވި ގޮތުގައި ރިޓަޔާމަންޓް ޕެންޝަން ސްކީމް، ހިންގޭނީ ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތައް ސްކީމްގައި ބައިވެރިވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
\\\"އެއްވެސް ފަރާތަކުން، މި ސްކީމްގައި ބައިވެރި ނުވުމަކީ، މި ސްކީމް ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް އެޅޭ ހުރަހަކަށްވާނެ،\\\" ހަފުތާގެ ރޭޑިއޯ ތަގުރީރުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕެންޝަން ސްކީމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިނުވެ ކަން ހިންގުމަކީ އަދި ރާއްޖޭގެ ރައްޔިތުންނަށް އޭގެން ފައިދާ ލިބުމަކީ ހުރަކަށް ވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޕެންޝަން ސްކީމަކީ، ވަޒީފާ އަދާނުކުރެވޭ ދުވަހަކުން އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ފައިސާ ލިބޭނެ މަގެއްކަން ކަމަށާއި \\\"ވަޒީފާދޭ ފަރާތްތަކުން، މުވައްޒަފުންނަށް ލިބިދޭންޖެހޭ ޕެންޝަނުގެ ޙައްޤު ހޯދައި ދިނުމަށް ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުން ވަރަށް މުހިއްމު\\\" ކަމަށެވެ.
\\\"ދައުލަތުގެ ބަޖެޓުން މުސާރަ ލިބޭ ފަރާތްތަކާއި، ވަޒީފާދޭ އަމިއްލަ ފަރާތްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައްވެސް މި ސްކީމުގައި ބައިވެރިވުމަކީ ދުޅަހެޔޮ، ފާގަތި އަދި ފުއްދުންތެރި މުސްތަގުބަލެއް ބިނާކުރުމުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް\\\" އެމަނިކުފާނު ވިދާޅުވި އެވެ.
ޕެންޝަންގެ ޤާނޫނުގައި ވާގޮތުގެ މަތިން، ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުން ވަނީ ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރެވި، 1 މެއި 2010 އިން ފެށިގެން ދޭ މުސާރައިން އެ މުވައްޒަފުންގެ ޕެންޝަން ޖަމާކުރަން ފެށިފައެވެ. މިގޮތުން، މިހާތަނަށް މި ސްކީމުގައި 37,708 ބައިވެރިވެ ފައިސާ ދައްކަން ފަށާފައިވެއެވެ. އަދި ދައުލަތް ފިޔަވައި، ވަޒީފާދޭ 2500 އަށް ވުރެ ގިނަފަރާތުން މިހާތަނަށް މި ސްކީމްގައި ބައިވެރިވެފައިވެ އެވެ.