04 Dec 2015, 18:07
ކުޅިވަރު ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗުގައި ސްޕޯޓްސް މެޑިސިން ޑިޕާޓްމަންޓެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ޑިވިޝންގައި އަލަށް ވާދަކޮށް ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި ޓީސީ ސްޕޯޓްސް ކުލަބުން މިސީޒަންގައި ހާސިލު ކުރި ކާމިޔާބުތައް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ސްޕޯޓްސް މެޑިސިން ޑިޕާޓްމަންޓެއް އައިޖީއެމްއެޗުގައި ހުޅުވަނީ އެ ހޮސްޕިޓަލަކީ މި ސަރަހައްދުގައި ހުރި އެންމެ ރަނގަޅު ސިއްހީ ފަރުވާލިބޭ ހޮސްޕިޓަލަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ފިޒީޝަން އަހްމަދު ޝަކީބަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ޝަކީބަށް އެކަނި ފުޓުބޯޅަ ކުޅުންތެރިންގެ ފަރުވާގެ ކަންތައްތައް ނުބެލެހެއްޓޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް ބޮޑު ޑިޕާޓްމަންޓެއް އައިޖީއެމްއެޗުގައި ގާއިމްކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިކަމަކީ [ސްޕޯޓްސް ރިބިލިޓޭޝަން ޑިޕާޓުމެންޓެއް ގާއިމު ކުރުމަކީ] އައިޖީއެމްއެޗްގެ ޑިވެލޮޕްމެންޓްގެ ތެރޭގައި ހިމެނޭ ކަމެއް. އިރާދަ ކުރެއްވިއްޔާ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ނިމިގެން، އަޅުގަނޑުމެންގެ ރާއްޖެގައި ދޭން ބޭނުންވާ ހުރިހާ ސިއްހީ ފަރުވާއެއް އެތަނުން ލިބިގެންދާނެ. މިދެންނެވި ކަންކަން ހަމަ ޖެހިގެންދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅިވަރު ކުޅުންތެރިނަށް ލިބޭ އަނިޔާގެ ފަރުވާ މިހާރުވެސް އާސަންދައިން ކަވަރުކުރަމުންދާ ކަމަށެވެ.