މާލޭގެ މިސްކިތްތަކުގައި މިހާރު ތިއްބެވި އިމާމުންނަށް އަރަބި ބަސް ދަސްކޮށްދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިމާމުންނަށް އަރަބި ބަސް ދަސްކޮށްދިމުގެ ގޮތުން އަރަބި ބަސް ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 15 މީހުންގެ ޖާގައިގެ އެ ކޯހަކީ އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޯހެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ކޯހަކީ މާލޭގައި މިހާރު ތިއްބެވި އިމާމުންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ކޯހަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލެއްވުން އެދޭ ކަމަށެވެ.

ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އައިސްފައިވާ ބަދަލުގެ ސަބަބުން އިމާމުންނާ މިސްކިތްތައް މިހާރު ބަލަހައްޓަމުން ގެންދަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ނެވެ. މީގެކުރިން އެ މަސައްކަތް ކުރަމުން އައިސްފައި ވަނީ ކައުންސިލުތަކުން ނެވެ.