ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިދިޔަ މަހު ރައީސް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވި "އެސްއެމްއީ" ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރިއިއުލާނެއްގައިބުނެފައި ވަނީ އެ ލޯނަކީ ދައުލަތުގެ ބަޖެޓުން 2015 ވަނަ އަހަރު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޖެޓް ކުރެވިފައިވާ ފަންސާސް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އެސްއެމްއީ ކައުންސިލުގެ ލަފާގެ މަތީން ފަރުމާކޮށްފައިވާ ލޯނު ސްކީމެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ އެ ލޯން ސްކީމުގެ ޖުމުލަ ފަންޑުގެ އަދަދަކީ ފަންސާސް މިލިއަން ރުފިޔާ ކަމަށެވެ. އިއުލާނުގައި ބުނީ އެސްއެމްއީ ލޯން ސްކީމަކީ 100 ޕަސެންޓު ދިވެހިން ހިއްސާވާ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތިކުރެވި، ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ލޯން ސްކީމެއް ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ އަންހެނުންނާއި، ޒުވާން ވިޔަފާރިވެރިންނާއި، އެފަރާތްތަކުގެ އަގުލަބިއްޔަތު އޮންނަ ވިޔަފާރިތަކަށާއި، އިމްޕޯޓް ސަބްސްޓިޓިއުޓްކުރާ، ނުވަތަ އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް ޕްރޮޕޯސަލް އިވެލިއުއޭޓު ކުރުމުގައި އިސްކަން ދޭނެ ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކާއި، ޕްރޮސެސްތަކަށް އިންވެސްޓްކުރާ ފަރާތްތަކަށާއި މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި، އެހެން ރައްރަށުގައި ވިޔަފާރިކުރުމަށް ހުށަހަޅާ ފަރާތްތަކަށް ޕްރޮޕޯސަލް އިވެލިއުއޭޓް ކުރުމުގައި އިސްކަން ދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ ޒުވާނުން ކަމަށް ބަލާނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ފަރާތްތަކަށް ކަމަށެވެ.

އެސްއެމްއީ ލޯން ސްކީމުގައި އެކަނި ފަރުދަކު ކުރާ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ފާޓްނާޝިޕް ނުވަތަ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ޖުމުލަ އަށް ދާއިރާއަކުން މި އެސްއެމްއީ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލޯން ދޫކުރާ އަށް ދާއިރާ:

  • ފަތުރުވެރިކަމުގެ ދާއިރާ
  • ދަތުރުފަތުރު ކުރުމުގެ ދާއިރާ
  • އިމާރާތް ކުރުމުގެ ދާއިރާ
  • ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ
  • ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ
  • ވޭސްޓް މެނޭޖުމަންޓުގެ ދާއިރާ
  • އޯޕަން ކެޓަގަރީގެ ދާއިރާ

އިކޮނޮމިކް މިނިސްޓްރީން ބުނީ ފަންޑް މެނޭޖަރެއްގެ ގޮތުގައި އެ ލޯން ސްކީމުގައި މަސައްކަތް ކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކަމަށެވެ.

ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިޢާޔަތްކުރުމަށްފަހު، 6 އަހަރަ ދުވަހަށްވުރެ މުއްދަތު އިތުރުނުވާ ގޮތަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ބުނީ އެ މުއްދަތުގައި ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެ ކަމަށެވެ.

އަލަށް ފަށާ ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިތަކުން ގްރޭސްގެ މުއްދަތުގައި ލޯނުގެ އިންޓްރެސްޓަށްވާ މިންވަރު ދައްކަންޖެހޭނެ ކަމަށާއި ނަމަވެސް އަލަށް ފަށާ ވިޔަފާރިއެއްނަމަ ގްރޭސްގެ މުއްދަތުގައި އިންޓްރެސްޓަށްވާ މިންވަރު ދެއްކުމަށް ނުވަތަ އިންޓްރެސްޓަށްވާ މިންވަރު ފަހުން ދެއްކުމަށް އިހްތިޔާރު ކުރެވިދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެސްއެމްއީ ލޯން ސްކީމުގެ އިންޓްރެސްޓް ރޭޓަކީ އަހަރު 9 ޕަސެންޓު ކަމަށެވެ.

އެ ސްކީމްގެ ލޯނަށް ހޮވުމަށް ރަހުނެއް ހުށަހަޅާކަށެއް ނުޖެހެއެވެ. ނަމަވެސް، ދަރަނި އަދާކޮށް ޚަލާޞްވަންދެން އެ ލޯނުގެ ދަށުން ހޯދޭ ވިޔަފާރީގެ މުދާލާއި ތަކެތި ރަހުނުގެގޮތުގައި ބަހައްޓަންޖެހޭނެއެވެ. އަދި ދަރަނި އަދާކޮށް ހަލާސްވަންދެން، ފައިނޭންސްކުރެވޭ ތަކެއްޗާއި ރަހުނުކުރެވުނު ތަކެތި ފުރިހަމައަށް އިންޝުއަރެންސް ކުރަން ޖެހޭނެ އެވެ.

އެސްއެމްއީ ލޯން ސްކީމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އަންނަ އާދިއްތަ ދުވަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީން ލިބެން ހުންނައިރު ފޯމް ބަލައިގަންނަން ފަށާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވެ އެވެ.