04 Dec 2015, 10:46
އިނގިރޭސިވިލާތުން ސީރިއާ އަށް ދޭ ހަމަލާތައް ވަރުގަދަކުރަން ނިންމުމުން އެ ގައުމުގެ އިދިކޮޅު ޕާޓީގެ ލީޑަރު އެކަމާ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ސީރިއާގައި އުޅޭ އިސްލާމިކް ސްޓޭޓް (އައެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށްދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަން އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އެކަމާ ގުޅޭގޮތުން އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވިދާޅުވީ ސީރިއާ އަށް ހަމަލާ ދިނުމަށް ކުރިންވެސް އޭނާ ދެކޮޅު ކަމަށާއި އަދިވެސް އެކަމާ ދެކޮޅު ހަދާ ކަމަށެވެ.
ޖެރެމީ ވިދާޅުވީ އިނގިރޭސީންގެ ހަމަލާތަކުގައި ސީރިއާގެ ކުށެއްނެތް މައުސޫމް އެތައް ރައްޔިތުންނެއް މަރުވާނެކަން މިހާރުވެސް ޔަގީނާ ގާތަށް ކަށަވަރުވާކަމަށެވެ.
ސީރިއާގައި އުޅޭ އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާތައް ވަރުގަދަކުރަން އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްވީ 397 މެމްބަރުންގެ ވޯޓުންނެވެ.
ޖުމްލަ ދިހަ ގަޑިއިރަށް ބަހުސްކުރުމަށްފަހު ނެގި އެ ވޯޓުގައި ހަމަލާތައް ވަރުގަދަކުރުމާ ދެކޮޅަށް 233 މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.
ލޭބާ ޕާޓީގެ 11 މެމްބަރަކު ހަމަލާތައް ވަރުގަދަކުރުމަށް ތާއީދުކޮށް ވޯޓު ދެއްވިއިރު، އެކަމާ ދެކޮޅަށް އެޕާޓީގެ 17 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ.
އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ ކޮންޒަވޭޓިވް ޕާޓީގެ ބައެއް މެމްބަރުން ވެސް ވަނީ ހަމަލާތައް ވަރުގަދަ ކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.
ލޭބާ ޕާޓީގެ ލީޑަރު ވަނީ ގާނޫނުހަދާ މަޖިލީހުން ނެގި އެ ވޯޓުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.
ސީރިއަން ހިއުމަން ރައިޓްސް އޮބްޒަވޭޓަރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އައިއެސްއާ ދެކޮޅަށް ހަދާފައިވާ ކޯލިޝަންގެ ހަމަލާތަކުގައި އެތައް އާންމު ރައްޔިތުން ވަނީ މަރުވެފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން އިރާގުގައި ހިންގާ އޮޕަރޭޝަންތަކުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އިރާގުގެ 369 އާންމުން މަރުވެފައި ވާކަމަށް އިރާގުން ވަނީ ބުނެފައެވެ. ނަމަވެސް ޑޭވިޑް ކެމެރަން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ހަމަލާއެއްގައި އިރާގުގެ އާންމު ރައްޔިތަކު މަރުވެފައި ވާކަމުގެ ރިޕޯޓެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.