08 Apr 2011, 14:38
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ޑީއާރުޕީން ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ޒައީމު މައުމޫނު ފެންޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ، ކޮންމެ ދުވަހަކު ރައީސް ނަޝީދު ފަސޭހަކަމާ އެކު ގާނޫނުތައް މުގުރަމުންގެންދަވާ ކަމަށެވެ. އަދި ރައްޔިތުންގެ ނަމުގައި ވަކާލާތުކުރަންތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުވައްޓަވާލައްވައި އެ މަޖިލީހަކީ، ބޭނުންތެރިތަނެއް ނޫންކަމުގައި ނިންމަވައި އެތަނުން ފާސްކުރާ ގާނޫނުތައް ތަސްދީގުނުކޮށް، ރައީސް ނަޝީދު އަނބުރާ ފޮނުއްވައި ލައްވަމުން ގެންދަވާ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ. ނިހާނު ވިދާޅުވީ، އެކަންކަން ކުރެއްވުމަށް ރައީސް ނަޝީދަށް ހިތްވަރު ލިބިގެން ދަނީ ރައްޔިތުން މަޑުންތިބޭތީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވާޖިބުވެގެން ވަނީ އެންމެ ކަމެއް ކަމަށާއި އެކަމަކީ ރައީސް ނަޝިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
\\\"ރައީސް މުހައްމަދު ނަޝީދު ގާނޫނުތައް މުގުރަމުން މިދަނީ ފަސޭހަކަމާ އެކު. ދިވެހި ރައްޔިތުންގެ މޫނަށް ކުޅުޖަހާލާފައި ގަނޫނެއް މުގުރާނުލާ އެންމެ ދުވަހެއްވެސް ނުދޭ. މިސަރުކާރުން އަނިޔާ ލިބެމުންދާ ހުރިހާ އެންމެން މަޑުން ތިމުގެ ވަގުތު ހިނގައްޖެ. މިހާހިސާބަށް ދިޔައިމާ އެކަމަށް ޓަކައި ރައްޔިތުންގެ ހައްގުގައި އެންމެ ކަމެއްކުރުން މިވަނީ ވާޖިބުވެފައި. އެއީ ރައީސް ނަޝިދުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވެއްދުން. ޑީއާރުޕީގެ ނާއިބު ލީޑަރު އިލްހާމް އަހްމަދުގެ ބެލުމުގެ ދަށުން އެ މަސައްކަތް ކުރިއަށް އެބަދޭ. މިއަށް ވުރެ ވަރުގަދަ ފިޔަވަޅެއް ދެން އެޅޭކަށް ނެތް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު ގޮވާލަން ކެރިގެން ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓުގައި ސޮއިކޮށްލަ ދެއްވުމަށް.\\\" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ، އަމިއްލަ ފައިދާ އާއި އަމިއްލަ ރައްކާތެރިކަމުގެ ބިރަށް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް މަޖިލީހުގެ ބައެއް މެންބަރުންނަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ. އަދި ގައުމު މިހާ ދަށްފެންވަރެއްގައި އޮތްދުވަސްވަރެއް ތާރީހު ދެކެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެނެކަމުން ރައީސް ނަޝިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަންބޭނުންވާ 25 މެންބަރުން އެކަމަށް ސޮއިކުރުމަށް ތަކުރާރުކޮށް ނިހާނު ގޮވައިލެއްވި އެވެ.
\\\"އަޅުގަނޑު އިލްތިމާސްކުރަން މެންބަރުންނަށް ކެރިވަޑއިގަންނަވާށޭ ގައުމުގެ ހައްގުގައި ރައީސް ނަޝީރުގެ އިތުބާރު ނެތްކަމަށް 25 މެންބަރުން ސޮއިކޮއްލަދެއްވަން. މި ވޯޓުގެ ނަތީޖާ އެކީއެކައްޗަކަށް ނެރެވުނަސް ނުނެރެވުނަސް މި 25 މެންބަރުންގެ ސޮއި ރައްޔިތުންގެ މަޖިލީހަށް ވައްދާހިސާބުންފެށިގެން ބައިނަލްއަގްވާމީ މުޖުތަމައަށް އެނގޭނެ ޑިމޮކްރަސީގެ ޗެމްޕިއަންގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހަށް ވަދެއްޖެކަން.\\\" ނިހާނު ވިދާޅުވި އެވެ. އަދި ޖީއެމްއާރަށް ކުއްޔަށް ދީފައިވާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް، ޖީއެމްއާރުގެ ކިބައިން ސަލާމަތް ކުރުމަށް އެއާޕޯޓް ހިފަން ދިއުމުގެ މަސައްކަތް ވަރަށްފޯރީގައި ޑީއާރުޕީން ކުރިއަށް ގެންދަވާ ކަމަށާއި، އެކަމަށް ވަގުތު ނަގަނީ، \\\"ހަތިޔާރުތައް ތޫނުކޮށްލަން\\\" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.