04 Dec 2015, 11:26
އެމްޑީއޭ އަކީ އަބަދުވެސް ރައްޔިތުންގެ ލާބަޔާ މަންފާއަށް އަދި ރާއްޖޭގެ ތަރައްގީއަށްޓަކައި މަސައްކަތްކުރާނެ ޕާޓީއެއް ކަމަށް އެޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ބައެއް ފަރާތްތަކުން އެމްޑީއޭ އަށް ސޮއިކުރުމަށް ރޭ ސަންޓްރެވެލްސްގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުން ނޫން ބޭނުމެއް އެމްޑީއޭގެ ނެތް ކަމަށެވެ.
ރޭ އެމްޑީއޭ އަށް ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ތައުލީމީ ދާއިރާ އަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ތ. ވިލުފުށި، އިތުމަތީގޭ ޝިއުތު އިބްރާހީމާއި ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމުގައިވާ މުހައްމަދު ސާބިގު ހިމެނެއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓު ސާބިގު އެމްޑީއޭ އަށް ސޮއިކުރައްވަނީ ---- ފޮޓޯ: އެމްޑީއޭ
އެމްޑީއޭގެ ޒުވާނުންގެ ލީގުގެ ރައީސް އަހްމަދު ރީހާން ވިދާޅުވީ އެ ޕާޓީން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އެ ޕާޓީ ދާނީ "ރޮކެޓު ސްޕީޑުގައި" ކަމަށެވެ.
ރީހާން ވިދާޅުވީ އެމްޑީއޭ އަކީ ދިވެހި ގައުމު އެންމެ ބޭނުންވި ދަނޑިވަޅުން ފެށިގެން ގައުމަށް ޚިދުމަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ.
"އެމްޑީއޭ އަކީ ފެށުނީއްސުރެ މިއަދާ ހަމައަށް އަމިއްލަ އެދުމެއްނެތި އިޚުލާސްތެރިކަމާއި ސާބިތުކަމާ އެކު ރައީސް ޔާމީނާއި މި ސަރުކާރާ އެކު އޮތް ހަމައެކަނި ޕާޓީ،" ރީހާން ވިދާޅުވި އެވެ.
އެމްޑީއޭ އަކީ ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދޭނެ ޕާޓީއެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓު ސާބިގު އެމްޑީއޭ އަށް ސޮއިކުރެއްވުމަށްފަހު އެ ޕާޓީގެ ލީޑަރު ސިޔާމާ އެކު ---- ފޮޓޯ: އެމްޑީއޭ
އޭނާ ވިދާޅުވީ ތެދުވެރި އިޚުލާސްތެރި ޒުވާނުންނަށް އެޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ފުރިހަމަ ހިއްސާއާ އެކު 80 ޕަސެންޓު ވޯޓުން ފުރަތަމަ ބުރުން އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.