ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް މުހައްމަދު ޝަވީދަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ޗެއާމަންކަން ވެސް ކުރައްވާ ޝަވީދަށް ތާއިދުކޮށް އަދި ތައުރީފުކޮށް ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިއިރު، ސަރުކާރުގެ އެއްބާރުލުން ނުލިބިގެން އެފްއޭއެމްގެ އިންތިހާބު ވަނީ ފަސްކޮށްފަ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ، ޝަވީދަކީ އެމަނިކުފާނު ވަރަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށާއި އޭނާގެ ލީޑާޝިޕުގެ ދަށުން އެފްއޭއެމުން ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

"ޝަވީދުގެ މެނޭޖްމަންޓުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑު ވަރަށް ތާއީދު ކުރައްވާ ބޭފުޅެއް. ކުޅިވަރުގެ ދާއިރާ އަށް ޝަވީދުގެ އެހާބޮޑު އެއްބާރުލުމަކާއި ޝައުގުވެރިކަމެއް ހުރީމަ،" ޓީސީ ސްޕޯޓްސް ކްލަބަށް މިއަހަރު ލިބުނު ކާމިޔަބީތައް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ޝަވީދަށް އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް ވާދަ ނުކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރެމުންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތް ގުޅުމެއް ބާއްވާ ޝަވީދަކީ އޭއެފްސީ ހިންގާ ކޮމެޓީގެ މެމްބަރެކެވެ. އަދި އޭއެފްސީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ކޮމިޓީ ޑެޕިއުޓީ ޗެއާމަންކަން ވެސް ކުރައްވަނީ ޝަވީދެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަރިހުގައި ޝަވީދު (ކ): ދެ ބޭފުޅުން ގާތް ގުޅުމެއް ބާއްވާ-- ފައިލް ފޮޓޯ/ ރައީސް އޮފީސް

އެފްއޭއެމްގެ އިންތިހާބު ދެ ވަނަ ފަހަރަށް ފަސްކުރުމުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ މި މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ ފަހު މުހުލަތު ދީފަ އެވެ. ތިން ވަނަ ފަހަރަށް އެފްއޭއެމްގެ އިންތިހާބު ފަސްކޮށްފިނަމަ، ފުޓްބޯޅައިން ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑްވާނެ އެވެ.